ގްރޭޓާ މާލެ ސަރަހައްދުގައި ދިރިނޫޅެވޭ މިންވަރަށް ޓްރެފިކްގެ މައްސަލަ ގޯސްކުރީ ކުރީ ސަރުކާރު ތަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން އެގޮތަށް ވިދާޅުވިއިރު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ޕާކުގައި ޕާކު ކޮށްފައިވާ ގިނަ އަދަދެއްގެ ރޭސިން ކާރު ތަކެއް އިއްޔެ ޓޯ ކުރުމުން ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ. އަދި މާލެ ސަރަހައްދުގައި ދުއްވަން ކާރު ރަޖިސްޓްރީ ނުކުރެވޭތީ ބައެއް ޑްރައިވަރުން ރޭ ވަނީ މާލޭގައި މުޒާހަރާ ކޮށްފައެވެ.
އެކަމަށް އިޝާރާތްކޮށް އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް ވަގު ގަރާޖު ސިޓީ ވިއްކުން އާންމު ކަމަކަށް ހަދައި، ރަޖިސްޓްރީ ނުކުރާ ވެހިކަލްތައް ދުއްވުން އާންމު ކުރީ ވޭތުވެދިޔަ ސަރުކާރު ތަކުން ކަމަށާއި އެއީ އެންމެން ދަންނަ ހަގީގަތެއް ކަމަށެވެ އަމީން އިތުރަށް ވިދާޅުވީ ކުރީ ސަރުކާރު ތަކުން ވަނީ މާލެއާއި އަދި ހުޅުމާލޭގެ މަގު ތަކަކީ ވެހިކަލް އުކާލާ ގޮނޑަކަށް ހަދަން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލަ ތަކައް ސީދާ ހައްލެއް ނެތް ކަމަށާއި ނަމަވެސް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފައިދާވާނެ ފިޔަވަޅު ތަކެއް ސަރުކާރުން އަޅާނެ ކަމަށް އަމީން ވިދާޅުވިއެވެ.