??????

މަޖިލީހުގެ ރައީސްގެ ގެކޮޅަށް 4.5 މިލިޔަން ރުފިޔާ ހިމަނައިފި

މަޖިލީހުގެ ރައީސްގެ ގެކޮޅަށް 4.5 މިލިޔަން ރުފިޔާ ހިމަނައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގޭގެ ޚަރަދަށް އަންނަ 2025 ވަނަ އަހަރަށް 4.5 މިލިޔަން ރުފިޔާ ހިމަަނަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުށަހަޅައިފިއެވެ.

މަޖިލިސް އިދާރާއިން އެކަން މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅާފައި ވަނީ، އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ ބަޖެޓްގައި ހިމަނައިގެންނެވެ.

އިއްޔެ އޮތް އާއްމު ކޮމިޓީގެ ބައްދަލުވުމަށް ބަޖެޓް ހުށަހަޅަމުން މަޖިލީހުގެ އިދާރާއިން ބުނީ، މިދިޔަ އަހަރުގެ ކުރީކޮޅު މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅަށް ޚަރަދު ކުރި ނަމަވެސް، އެންމެ ފަހުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުުގައި ހުންނެވި، މިދިޔަ 19 ވަނަ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ ގެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފައި ނުވާތީ، މިދިޔަ އަހަރުގެ ފަހުކޮޅު އެ ގެކޮޅަށް އެއްވެސް ޚަރަދެއް ކުރަން ޖެހިފައިނުވާ ކަމަށެވެ.

އަންނަ އަހަރަށް މަޖިލިސް ރައީސްގެ ރަސްމީ ގެ ކޮޅަށް 4.5 މިލިޔަން ރުފިޔާ ހުށަހަޅާފައި ވަނީ، އެގޭގެ މުވައްޒަފުންގެ ޚަރަދުވެސް ހިމަނައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގެއަށް، މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ބަދަލުވެވަޑައިގެންނެވުމަށްޓަކައި، އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެ ގެކޮޅުގެ ބައެއް މަގާމު ތަކަށް ޖުލައި 24 ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބަދަލު ގެނެސްފައެވެ.

ކޮމިޓީ އެ ދުވަހުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގެ މަރާމާތު ނިމިފައިވާއިރު، އެ ގެކޮޅަށް މުވައްޒަފުން ހަމަޖެއްސުމުގެ ކުރިން އެ ގެކޮޅުގެ ބައެއް މަގާމު ތަކަށް ބަދަލު ގެންނެވުމަށް މަޖިލިސް ރައީސް ބޭނުންފުޅުވާ ކަމަށް އަންގައި، މަޖިލިސް އިދާރާއިން އެ ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެ ސިޓީގައި ބައެއް މަގާމު ތަކަށް ބަދަލު ގެނެސް ދެއްވުމަށް އެދި އެމަނިކުފާނު ކޮމިޓީއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެސިޓީގައި، ގެކޮޅުގެ އެއް މަގާމުގެ ނަން ބަދަލުކޮށް ހަތަރު މަގާމެއް އުވާލައްވައި، އެ މަގާމު ތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމުގެ ހުއްދައަށް އެދި ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށްވެސް މުގައްރިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމުގެ ތަފްސީލުތައް ސިޓީގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެ ތަފްސީލް ތަކެއް އޭނާ ވިދާޅެއް ނުވިއެވެ.

މަޖިލިސް ރައީސް އެދިވަޑައިގެން، މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ހުށަހެޅި ބަދަލުތައް ފާސް ކުރުމަށް، އެ ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ. ތާއީދު ކުރެއްވީ އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނެވެ. ކޮމިޓީގެ ތިއްބެވި 8 މެންބަރުން ވޯޓު ދެއްވައިގެން އެ ބަދަލުތައް ގެންނަން ފާސް ކުރިއެވެ.

މުރައިދޫ ގެއަކީ 6 މެއި 2021 ގައި އޭރު ހުންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަމާއި ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ޚާއްސަ ކުރި ގެކޮޅެކެވެ.

ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް، އޭގެ ފަހުން ހުންނެވި މަޖިލިސް ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ ގެއަށް ބަދަލުވެ ވަޑައެއްނުގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *