ހަރަދު ކުޑަ ކުރުމުގެ ގޮތުން ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލުން ބާއްވަން ޖެހޭ: އެމްޑީޕީ ޕީޖީ

ހަރަދު ކުޑަ ކުރުމުގެ ގޮތުން ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލުން ބާއްވަން ޖެހޭ: އެމްޑީޕީ ޕީޖީ

އިންތިހާބުތަށް ބޭއްވުމަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން ރަށްރަށުގެ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން ބާއްވަން ފެންނަ ކަމަށް އެމްޑީޕީގެ ޕީޖީން ބުނެފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ގާތްގާތުގައި ބައި އިލެކްޝަންތައް ނުބޭއްވުމުގެ ވާހަކަ ޕީއެންސީން ދައްކަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރާ ކަމެއް ގޮތުގައި ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުން ނުވަތަ ޕާޓީގެ ފަރާތުން އިންތިހާބުތަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވަމުން ދާތީ، އިންތިހާބުތައް ނުބާއްވާ ލަސްކުރަން ސަރުކާރުން ކުރާ ކަމެއް ކަމަށް މައުރޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުގައި ރަށްރަށުގެ ބައި އިލެކްޝަންތައް އެއީ ކޮންމެހެން މައި ސަރުކާރަކުން ނުވަތަ އިލެކްޝަން ކޮމިޝަން (އީސީ)ގެ ފުރިހަމަ ބޮޑު ދައުރެއް އޮވެގެން ކުރަންޖެހޭ ކަމެެއް ކަމުގައި އަޅުގަނޑުމެން ނުދެކެން، އޭގެ ބަދަލުގައި ހަރަދު ކުޑަކުރުމަށްޓަކައި އަތޮޅު ކައުންސިލް މެދުވެރިކޮށް ނުވަތަ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ރަށްރަށުގެ ބައި އިލެކްޝަންތައް ބޭއްވިދާނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ" މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ ވަކި އުސޫލެއްގެ ތެރެއިން އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުން ރަށްރަށުގެ ބައި އިލެކްޝަންތައް ކުރިއަށް ގެންދާއިރު، އީސީގެ އޮފިސަރެއް ބައިވެރިކޮށްގެން، އިންތިހާބު ބޭއްވިދާނެ ކަމަށެވެ. އެއިރުން ހަރަދު ކުޑަކޮށް އިންތިހާބުތައް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައި އިލެކްޝަންތައް ހަ މަސް ދުވަހުން ބާއްވާ ގޮތަށް ލަސްކުރުމަކީ ސަރުކާރާ ރައްޔިތުންނާ އޮންނަ ގުޅުން ކުޑަކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލުން ކަމަށް މައުރޫފު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *