ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަނު ކުރައްވައިފި

ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަނު ކުރައްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް، އަހްމަދު މުނައްވަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު މިއަދު އައްޔަނު ކުރައްވައިފިއެވެ.

ގަވަރުނަރު ކަމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން، މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މުނައްވަރާ ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ގަވަރުނަރު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރު އެޅުއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.

މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަ ޓު ދަ މިނިސްޓަ އޮފް ފިނޭންސްގެ މަގާމުގައެވެ. އަހްމަދު މުނައްވަރު މީގެ ކުރިން ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *