ވެނެޒުއެލާގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އެ ގައުމުގެ މިހާރުގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުގެ ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވައިފިއެވެ.
އެ ގައުމުގެ އިލެކްޝަން އޮތޯރިޓީން ބުނި ގޮތުން ވޯޓުގެ 80 ޕަސެންޓް ގުނައި ނިމުނުއިރު ކުރީގައި އުޅުއްވަނީ މަދޫރޯ ކަމަށެވެ. އޭނާއަށް 51 ޕަސެންޓް ލިބިފައިވާ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.
ވެނެޒުއެލާގައި އާންމުން މިފަހަރު ވޯޓުލާން ނުކުތީ މަދޫރޯ ނޫން މީހަކު ރައީސް ކަމަށް ގެނައުމަށެވެ. އިންތިޚާބުގެ ކުރިން ޚިޔާލު ހޯދުމަށް ނެގި ވޯޓު ތަކުންވެސް ދައްކާފައި ވަނީ މި ފަހަރުގެ އިންތިޚާބު އިދިކޮޅަށް ކާމިޔާބުވާނެ ކަމަށެވެ.
އިލެކްޝަން އޮތޯރިޓީން ބުނި ގޮތުން މި އިންތިޚާބުގައި މަދުރޯއާ ވާދަ ކުރި އިދިކޮޅު ލީޑަރު އެޑްމަންޑޯ ގޮންޒަލޭޒްއަށް ލިބިފައި ވަނީ 44 ޕަސެންޓެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންތިޚާބުގެ މި ނަތީޖާއާ މެދު ވެނެޒުއެލާގައި ކަންބޮޑުވުން ވަރަށް ބޮޑެެވެ. އިދިކޮޅަށް ތާއީދުކުރާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ވޯޓު ވަނީ އޮޅުވާލާފައެވެ. އަދި މިއީ ސަރުކާރުން ބަޔަކަށް ބިރު ދައްކައިގެން ނެރުނު ނަތީޖާއެއް ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އިދިކޮޅަށް ވަފާތެރިން ގަބޫލުކުރާ ގޮތުގައި އިންތިޚާބުން ކާމިޔާބު ލިބުނީ އެ މީހުންގެ ކެންޑިޓޭޓަަށެވެ. މިކަން ކަށަވަރު ކުރުމަށް އިދިކޮޅުން ވަނީ އަސްކަރިއްޔާއަށް ގޮވާލާފައެވެ. މި ފަހަރުގެ ނަތީޖާ އޮތީ އިދިކޮޅަށް ކަމަށް ބުނެ، އަސްކަރިއްޔާ ނުކުމެގެން ނޫން ގޮތަކަށް އަސްލު ނަތީޖާ ނުފެންނާނެ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.