ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ ވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ މެންބަރުންގެ އަދަދު 77 ގައި ހިފެހެއްޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ގައުމުގެ އާބާދީ އިތުރުވާ ވަރަކަށް ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ކަންހިނގާ ގޮތެއް ނޫން ކަމަށެވެ. ރާއްޖެއަށް އެންމެ ރަނގަޅުވާނީ ވެސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު ކެޕްކުރުން ކަމަށް ފުއާދު ވިދާޅުވި އެވެ.
"ކެޕް އެޅުވިފައި އިނުން އެއީ އަޅުގަނޑުމެންގެ ސްޓޭންޑަކީ. 77 ވިޔަސް 65 ވިޔަސް އަދި 75 ވިޔަސް. ކެޕް ވެފައި ކޮންމެ އަތޮޅަކަށް ދެ ސީޓް ލިބިފައި އާބާދީގެ ނިސްބަތުން ކަނޑައެޅުން،" ފުއާދު ވިދާޅުވި އެވެ.
ފުއާދި ވިދާޅުވީ 2008 ވަނަ އަހަރުގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ ވެސް 77 ކަމަށެވެ. 77 އަކީ މެންބަރުންގެ އަދަދު ކަމަށް ބަލައިގެން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ކަނޑައެޅުމުން 35 ގޮނޑިއެއް ބާކީ ވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެގޮތަށް ބާކީވާ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން ހއ. އަށް ދެ ގޮނޑިއާ އެކު ޖުމްލަ ހަތަރު ގޮނޑި ލިބޭނެ. މާލެ އަށް ދެ ގޮނޑިއާ އެކު އިތުރު އަށް ގޮނޑި ހާއްސަ ކުރެވޭނެ. އައްޑޫ އަށް ދެ ގޮނޑި އާއި އިތުރަށް ލިބޭ ތިން ގޮނޑިއާ އެކު ޖުމްލަ ފަސް ގޮނޑި ލިބޭނެ." ފުއާދު ވިދާޅުވި އެވެ.
މެންބަރުންގެ އަދަދު ލިމިޓް ނުކުރުމުގެ ސަބަބުން ބައެއް އިންތިހާބުތަކުގައި މުޅި ދާއިރާ އެއްކޮށް ބަދަލު ކުރަން ޖެހޭ ހާލަތު ދިމާވާ ކަމަށް ފުއާދު ވިދާޅުވި އެވެ. ނަމަވެސް 77 ގެ ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް ވޯޓު ލެވޭނެ ކަމުގެ ޔަގީންކަން ފުއާދު ވަނީ ކޮމިޓީއަށް ދެއްވައިފަ އެވެ.