އަތަމާ އަބްދުއްލަތީފުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

އަތަމާ އަބްދުއްލަތީފުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށާ އަދި ޖަމާޢަތަށް ފައިދާހުރި އެތަކެއް ޚިދުމަތް ތަކެއް ކުރައްވާފައިވާ ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުއްލަޠީފް ޙުސައިން މަނިކު، އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވީ މީސް މީޑިޔާ މެދުވެރި ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ކުރެއްވި ޕޯސްޓުގައި މަރްޙޫމް ޢަބްދުއްލަޠީފް ޙުސައިން މަނިކު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާން ކުރައްވައި މަރްޙޫމް ޢަބްދުއްލަޠީފް ޙުސައިން މަނިކަކީ ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާ، މިސްކިތް ބިނާ ކުރެއްވުމާ، ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސް ދެއްވުން ފަދަ އެތައް ކަމެއް ކޮށްދެއްވައި، މުޖްތަމަޢުގެ އިޙްތިރާމް ހޯއްދަވާފައިވާ، ބޭފުޅެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

އަދި މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކަކީ، ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތު ކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނެސްދެއްވުމުގެ މުހިންމު ޙިއްސާދާރެއްކަން ރައީސްގެ މި ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

ހަމައެހެންމެ، ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމާއި، ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި އަދި ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ޤައުމީ އިނާމް 1991 ވަނަ އަހަރު ޙާޞިލް ކުރައްވާފައިވާ ބޭފުޅެއްކަމުގައި ރައީސް ފާހަގަ ކުރައްވާފައިވެއެވެ.

މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކު ވަކިވެދިއުމާއެކު ގެއްލިގެން އެދިޔައީ ޤައުމަށް ބޮޑެތި މަސައްކަތް ތަކެއް ކޮށްދެއްވި އަގުހުރި، ތަޖުރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެއްކަން ފާހަގަ ކުރައްވައި ރައީސް، މި ފޯސްޓު ނިންމަވާލައްވާފައި ވަނީ ޤައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅުގައި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރުޙޫމް ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *