ޔުނިވާރސިޓީ އަކަށް ބަދަލު ކުރަން މުއްދަތަށް ވުރެ މުހިއްމީ ފެންވަރު ރަނގަޅު ތައުލީމް ފޯރުކޮށްދޭތޯ ޤާނޫނުން ކަށަވަރު ކުރުން: މިނިސްޓަރު

ޔުނިވާރސިޓީ އަކަށް ބަދަލު ކުރަން މުއްދަތަށް ވުރެ މުހިއްމީ ފެންވަރު ރަނގަޅު ތައުލީމް ފޯރުކޮށްދޭތޯ ޤާނޫނުން ކަށަވަރު ކުރުން: މިނިސްޓަރު

ކޮލެޖުތައް ޔުނިވާރސިޓީ ތަކަށް ބަދަލު ކުރުމުގައި އެތަން ހިންގާ މުއްދަތަށް ވުރެ ބޮޑަށް ފެންވަރު ރަނގަޅު ތައުލީމް ފޯރުކޮށްދޭތޯ ޤާނޫނުން ކަށަވަރު ކުރުން މުހިއްމު ކަމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުން ޔުނިވާރސިޓީގެ ދަރަޖަ ލިބޭ ގޮތަށް މުއްދަތު ކުޑަ ކުރުމަށްޓަކައި ދިވެހި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ޤާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ. މި ބިލު މަޖިލީހަށް ބަލައި ގަނެ، އިތުރަށް ދިރާސާ ކުރުމަށްޓަކައި ވަނީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފައެވެ.

އެ ކޮމިޓީން ބިލް ދިރާސާ ކުރުމުގައި ކަމާބެހޭ ފަރާތް ތަކުގެ ޚިޔާލު ހޯދުމަށް މިއަދު ބޭއްވި ޖަލްސާއަށް އެ ފަރާތްތަށް ވަނީ ހާޒިރު ކޮށްފައެވެ. އޭގެތެރޭގައި ހަޔާ އެޑިއުކޭޝަން މިނިިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ ވަކި މުއްދަތެއް ވުމުން، އެތަނެއް ޔުނިވާރސިޓީ އަކަށް ބަދަލު ކުރެވޭ ގޮތަށް ހެދުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށެވެ.

މުއްދަތަށް ވުރެން މުހިއްމީ އެތަނުގައި ފެންވަރު ރަނގަޅު ތައުލީމެއް ދިނުންކަން މިނިސްޓަރު ވިދާޅުވިއެވެ. މިނިސްތަރު ވިދާޅުވީ، ޤާނޫނުގައި މުއްދަތެއް ކަނޑައަޅާ ނަމަ، މުހިއްމު ކަމަކަށް ވާނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގައި ކޮލެޓީ ހިފަހައްޓަން ބާރު އެޅުން ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މި ހުށަހެޅުން ތަކަށް ގައުމީ ޔުނިވާރސިޓީ (އެމްއެންޔޫ) އިން ވެސް ވަނީ ތާއީދު ކޮށްފައެވެ. އެކަން ހާމަކޮށް އެމްއެންޔޫގެ ވައިސް ޗާންސެލަރު އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ކޮލެޖެއް، ޔުނިވާރސިޓީ އަކަށް ބަދަލުކުރާ ނަމަ، ކިޔަވައިދޭ ކޯސް ތަކުގެ 70 ޕަސެންޓް ވާން ޖެހޭނީ އެތަނެއްގެ އަމިއްލަ ކޯސް ތަކަށް ކަމަށެވެ. އަދި އެތަނެއްގައި ކިޔަވައި ދިނުމުގެ ޒިންމާއާ ހަވާލުވެ ތިބެން ޖެހޭނީ ދާއިމީ މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވާރސިޓީ (އައިޔޫއެމް)ގެ ވައިސް ޗާންސެލަރު އައިޝަތު ވަހީދާވެސް ވިދާޅުވީ 15 އަހަރުން ޔުނިވާރސިޓީ އަކަށް ބަދަލު ކުރެވޭ ގޮތަށް ޤާނޫނަށް ހުށަހަޅަން އުޅޭ އިސްލާހާ މެދު އެތަނުގެ ޚިޔާލު ތަފާތު ކަމަށެވެ. ޔުނިވާރސިޓީ އެއްގެ ގޮތުގައި ހިންގަން އެންމެ ރަނގަޅު މުއްދަތަކީ 20 އަހަރު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *