މިނިވަން ކަމަށް 59 އަހަރު، މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއި އެޅުން

މިނިވަން ކަމަށް 59 އަހަރު، މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއި އެޅުން

ދިވެހިރާއްޖޭގެ މިނިވަންކަމަށް މިއަދަށް 59 އަހަރުވީއެވެ. ބައިގަރުނަށްވުރެ ގިނަދުވަހު މިނިވަންކަންމަތީ ދެމިތިބެވުނުއިރު، މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ގޮތް ކުރުގޮތަކަށް ދަންނަވާލާނަމެވެ.

އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިވެހި ރާއްޖެ  ގޮސްފައި ވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ޢިއްޒަތްތެރި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އާއި ދެމެދު އާދެ، ދެޤައުމުގެ ދެމެދުގައި ކުރެވުނު މުޢާހަދާއެއްގެ ދަށުންނެވެ.

އެމުޢާހަދާގައިވާ ގޮތުން ދިވެހި ރާއްޖޭގެ ޚާރިޖީ ކަންތައްތައް ހިންގާނީ އިނގިރޭސި ދައުލަތް މެދުވެރި ކޮށެވެ. ދިވެހި ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތް ލިބިގެންވާ ޤައުމެކެވެ. އެއާއެކު ރާއްޖޭގެ ދާޚިލީ ހުރިހާ ކަމެއް ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ރާއްޖޭގައި އެއިރަކު އޮންނަ ސަރުކާރަކަށް ލިބިގެންވެއެވެ. އަދި ދާޚިލީ ކަންތައްތަކާއި އިނގިރޭސިން ނުބެހުމަށްވެސް ނިންމިގެން ދިޔައެވެ.

ދާޚިލީ ކަންކަމާ ސީދާ އިނގިރޭސިން ނުބެހުނު ނަމަވެސް، ރާއްޖޭގެ ތަޚުތަށް އިސްކުރެވޭ ރަސްކަލަކު އެމަޤާމު ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން އިނގިރޭސި ސަރުކާރަށް އެކަން އަންގަން ޖެހެއެވެ. އަދި އިނގިރޭސި ސަރުކާރުން އެރަސްކަލެއް ޤަބޫލުކުރަން ޖެހެއެވެ. އަދި އޭރުވެސް އިނގިރޭސި ދައުލަތަށް ރާއްޖެއިން ފޮނުވާ ޖިޒީއެއް ކޮންމެ އަހަރަކު އަވައްޓެރި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ފޮނުވަމުން ގެންދެއެވެ.

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހި ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ޤަބޫލު ކުރިއެވެ.

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި އެޅުމާއި ހަމައިން ސިޔާސީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ހުރިހާ ޤައުމަކާ އަދި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ޙައްޤު ދިވެހި ރާއްޖެއަށް ލިބިގެން ދިޔައެވެ. މި ތާރީޚީ އެގްރީމެންޓްގައި ސޮއި ކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއި ކުރެއްވީ ދިވެހިރާއްޖޭގެ އޭރުގެ ބޮޑުވަޒީރު މަރްޙޫމް އިބްރާހިމް ނާސިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މި އެގްރީމެންޓްގައި ސޮއި ކުރެއްވީ ސްރީލަންކާގައި އޭރު ހުންނެވި އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބާނީ ރައީސް އިބްރާހީމް ނާސިރަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އަދި ދިވެހިރާއްޖެއަށް މިނިވަންކަން ހޯދައިދެއްވުމަށާއި، މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވާށިއެވެ. އަދި ދިވެހިރާއްޖެ ތާއަބަދަށް މިނިވަންކަންމަތީ ލައްވާށިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *