މި އަންނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތް ކަމުގައި ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިއަށް ދިޔަ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުމަކީ، އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ޤައުމީ އެއް ވާޖިބު ކަމަށާއި، އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތަކީ، ކީރިތި ޤުރްއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް ސަރުކާރުން ޚާއްޞަ ހޭދައެއްކުރެއްވުން ކަމަށާއި، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވައި ޙާފިޒުންނަށް ދެއްވާ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެއްވުންކަމުގައި ވިދާޅުވިއެވެ.
ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަހުރި ގޮތްކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް މަގުފަހިކޮށްދެއްވުމަށްވެސް މި ސަރުކާރުން ސަމާލުކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކުރައްވައި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރުމަށް "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" ގެ ނަމުގައި އިތުރު ދެ ވަޤްފު އިމާރާތް ބިނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރިއަށްގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ކީރިތި ޤުރުއާން އުނގަންނައިދިނުމަށް، ކީރިތި ޤުރުއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރައްވައި މި ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރުއާނާބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޔަތާއި ޢަމަލުގެ މަސްދަރަކީ ކީރިތި ޤުރްއާންކަމުގައި ހެއްދެވުމަށް އިލްތިމާސް ކުރައްވާފައެވެ.