ޓްރަމްޕަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލަން އުޅެފި

ޓްރަމްޕަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލަން އުޅެފި

އެމެރިކާގެ ޕެންސިލްވޭނިއާގައި އޮތް އެއްވުމެއްގައި ޕޯޑިއަމްގައި ހުރެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ދަނިކޮށް އެމެރިކާގެ ކުރީގެ ރައީސް އަދި ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނާލްޑް ޓްރަމްޕް އަށް ބަޑިން ހަމަލާދީފި އެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާ ތަކުން ބުނަނީ މިކަން ތަހުގީގު ކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަ ކޮށްލުމަށް އުޅުނު މައްސަލައެއްގެ ގޮތުގައި ކަމަށެވެ. މިހަމަލާގައި ޓްރަމްޕް މަރުގެ އެތިފަހަރުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. ނަމަވެސް ޓްރަމްޕް ވަނީ ހަމާލާގައި ޒަޚަމް ވެފައެވެ.

މަންޒަރު ދުށް ބަޔެއް މީހުން އެމެރިކާގެ މީޑިޔާގައި ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ ކަނާތް ފަރާތު ކަންފަތަށް ވަޒަން އަރާފައި ވެއެވެ. ލައިވް މަންޒަރު ތަކުން ވެސް އޭނާގެ މޫނުމަތީގައި ލޭ އޮހޮރިފައި ހުއްޓާ ފެނެއެވެ. މި ހާދިސާގައި ޓްރަމްޕް އަށް އަމާޒުކުރި ހަމަލާއެއް އެހެން މީހަކަށް އަމާޒުވެ އެމީހާ ވަނީ މަރުވެފައެވެ. އަދި އެއްވެފައި ތިބި ޓްރަމްޕް ގެ ސަޕޯޓަރުން ވަނީ ހަމަލާ ދިންކަމަށް ބެލެވޭ މީހާއަށް ހަމަލާދީ އޭނާ މަރާލާފައި ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެއެވެ.

މި ހަމަލާގެ ކުރިން އިއްޔެގެ ވަގުތެއްގައި މިހާރުގެ ރައީސް ބައިޑަން ވަނީ ޓްރަމްޕް އަކީ އެމެރިކާގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެފަ އެވެ. އެއާއެކު ބައިޑަންއަށް އަމިއްލަ ޕާޓީގެ ތެރެއިން އަންނަނީ ނަން ނެގުމަށް ޕްރެޝަރުތައް ކުރިމަތި ވަމުންނެވެ. ހަމަލާއަށް ފަހު ރައީސް ބައިޑަން ވިދާޅުވީ މިފަދަ ލާއިންސާނީ އަމަލުތަކަށް އެމެރިކާގައި ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. ބައިޑަން ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ އެންމެ ހަރުކަށި އިބާރާތުން އެ އަމަލު ކުއްވެރިކުރާ ކަމަށެވެ.

”ޓްރަމްޕް އަދި އާއިލާ އަދި އެއްވުމުގެ ބައިވެރިން ހެޔޮހާލުގައި ލެހެއްޓުވުމަށް އެދެން. ޓްރަމްޕް އަށް ފުރިހަމަ ސިއްހަތަކަށް އެދެން“ ރައީސް ބައިޑަންގެ ބަޔާނުގައި ވެއެވެ.

ޓްރަމްޕް އަށް ދިން ބަޑީގެ ހަމަލާއަށްފަހު އޭނާއަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފިއެވެ. އެގޮތުން މަހުޖަނު އިލޮން މަސްކްގެ ތާއީދުވެސް ޓްރަމްޕް އަށް ދެއްވައި، އެކަން އެކްސް ޕޯސްޓެއްގައި އޭނާ އިޢުލާން ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *