ފާއިތުވި އަހަރުގެ ފަހު ކުއާޓަރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެ ބިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނެފިއެވެ.
ޕީސީބިން ވަނީ ސަރުކާރު ކުންފުނި ތަކުގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓު އާންމު ކޮށްފައެވެ. އެ ރިޕޯޓުގައި ޕީސީބީން ބުނީ ސަރުކާރު ކުންފުނި ތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 13.27 ބިލިއަން ރުފިޔާ ފާއިތުވި އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ކަމަށެވެ. އަދި ހަމަ އެފަހަރު ކުންފުނި ތަކަށް ވަނީ 2.27 ބިލިއަން ރުފިޔާގެ ގެއްލުން ވެސް ވެފައި ކަމަށެވެ.
ކުންފުނި ތަކުގެ ޖުމްލަ ގެއްލުމުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ހަމައެކަނި އެޗްޑީސީން ކަމަށް ޕީސީބީން ބުންޏެވެ. ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް 3.23 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް ޕީސީބީން ބުންޏެވެ. އެޗްޑީސީއަށް އެހާބޮޑު އަދަދެއްގެ ގެއްލުމެއް ލިބުނީ ހުޅުމާލޭގައި ޔޮޓު މެރިނާ އެޅުން ހިސާބު ތަކުން އުނި ކުރުމުންނާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޔުޓިލިޓީ ނެޓްވޯކު ގާއިމްކުރަން ސްޓެލްކޯ އިން ލިބެންޖެހޭ ފައިސާ ނުލިބުމުންނާއި ހިޔާ ފްލެޓު ތަކުގެ ކުއްޔާއި ޖޫރިމަނާ ކުޑަ ކުރުމުން ކަމަށް ޕީސީބީން ބުންޏެވެ.
ޕީސީބީން ބުނީ ސަރުކާރު ކުންފުނި ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މިހާރު އުޅެނީ 34،369 ގައި ކަމަށެވެ. 2022 ވަނަ އަހަރު ސަރުކާރު ކުންފުނި ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ 30،866 ކަމަށް ޕީސީބީން ބުންޏެވެ. އަހަރު ދުވަހުގެ ތެރޭގައި، އެންމެ ގިނައިން މުވައްޒަފުން ނަގައިފައިވަނީ ފެނަކަ، އެޗްޑީސީ، ސްޓެލްކޯ އަދި އެމްޓީސީސީން ކަމަށް ޕީސީބީން ބުންޏެވެ. އެ ކުންފުނިތަކުން ކުރަން ޖެހޭ ހަރަދު 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރާ ކަމަށް ޕީސީބީން ބުންޏެވެ.
އާމްދަނީގެ ނިސްބަތަށް ބަލާއިރު، މުސާރަ ދިނުމަށް އެންމެ ބޮޑު ހަރަދެއް ކުރަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނިންނެވެ. އެ ކުންފުންޏަށް އެ ކުއާޓަރުގައި 3.28 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 11.69 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ އާމްދަނީގެ ނިސްބަތުން ބަލާއިރު، 356 ޕަސަންޓެވެ.
މީގެއިތުރުން، ރީޖަނަލް އެއާޕޯޓްސް އިން އާމްދަނީގެ 270 ޕަސަންޓު އަދި ކައްދޫ އެއާޕޯޓްސް 207 ޕަސަންޓު މުސާރަ އަށް ހޭދަކުރެ އެވެ.