މިއަދުގެ ކުއްލި މައްސަލަވެސް ބޭރުކޮށްލުން: މަޖިލީހުގައި ރައްޔިތުންގެ އަޑު މިހާރު އިވުނަކަނުދޭ: ޝާހިދު

މިއަދުގެ ކުއްލި މައްސަލަވެސް ބޭރުކޮށްލުން: މަޖިލީހުގައި ރައްޔިތުންގެ އަޑު މިހާރު އިވުނަކަނުދޭ: ޝާހިދު

ރައްޔިތުންގެ މަޖިލީހުގައި، ރައްޔިތުންގެ އަޑު މިހާރު އިވުނަނުދޭ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، ސަރުކާރުންގެ ކުންފުނިތަކުގެ ވަޒީފާއިން އާދައިގެ މުވައްޒަފުން ކަނޑާލަމުން ދާތީ، އެކަން ހުއްޓުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރަން ނުފެންނަނަ ކަމަށް ފާސްކޮށް، އެ ގަރާރު މަޖިލީހުން މިއަދު ބޭރުކޮށްލުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

‏"ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން އިތުރުކޮށް ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަން ހުއްޓުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީގެ ޕީޖީ މެންބަރު ‎މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަވެސް މިއަދު މަޖިލީހުން ބޭރުކޮށްލައިފި. ރައްޔިތުންގެ އަޑު މިހާރު މަޖިލީހުގައި އިވުނަކަނުދޭ،" ޝާހިދު އެކްސްގައި ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ވަޒީފާ ތަކުގައި ތިބި އާދައިގެ މުވައްޒަފުން ވަޒީފާ ތަކުން ވަކި ނުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރު ކޮށްލައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވުމުން، އެ މައްސަލައާމެދު ބަހުސް ކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން، ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ. މައްސަލަ މަޖިލިސް ތަޅުމުން ބޭރު ކޮށްލީ ސަރުކާރުގެ 57 މެންބަރުން ވޯޓާއެކުގައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، މިއަހަރުގެ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާތީ ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަ ކުރުމަށް ސިޔާސީ މަގާމު ތަކުގެ އަދަދު މަދުކޮށް، ގިނަ ފިޔަވަޅު ތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސީ މަގާމު ތަކުގެ އަދަދު 700 އިން ދަށުގައި ހިފަހައްޓަވާނެ ކަމަށް ބުނެފައި ވާއިރު އެ އަދަދު 2000 އާ ގާތް ކުރާކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މީހުން އައްޔަން ކުރުމަކީ ޤާނޫނު އަސާސީން ރައީސަށް ލިބިދީފައިވާ ބާރަކަށް ވީހިނދު މި ދަނޑިވަޅުގައި އެ ބާރުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ހިފައި އެމަނިކުފާނުގެ ވައުދުފުޅާ ޚިލާފުވެ ސަރުކާރުން ދަނީ ހައްދެއް ނެތި ސަރުކާރުގެ ކުންފުނި ތަކަށް މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް، ބޮޑެތި މުސާރައާއެކު މުވައްޒަފުން އައްޔަންކޮށް ސަރުކާރުގެ އިދާރާ ތަކުގެ އެތަކެއް ސިޔާސީ މަގާމު ތަކަށް މީހުން އައްޔަން ކުރަމުން،" މެމްބަރު ވިދާޅުވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގަަކަށް ވާއިރު، އަދި ވެރިކަން ކުރުމުގެ ބާރު ޖަވާބުދާރީ ކުރުވުމަކީ ޤާނޫނު އަސާސީގެ ދަށުން މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބަކަށް ވީއިރު ސިޔާސީ މަގާމުތައް އިތުރު ކުރަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސިޔާސީ މަގާމު ތަކަށާއި، ސަރުކާރު ހިސްސާވާ ކުންފުނި ތަކަށް އައްޔަން ކޮށްފައިވާ މުވައްޒަފުންގެ އަދަދާއި ހޭދަވާ މުސާރައިގެ އަދަދު ސާފުކޮށް ދިނުމަށް މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރުގެ އަރިހުގައި އެދުމުން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މިމަހުގެ ތިންވަނަ ދުވަހު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ސިޔާސީ މަގާމު ތަކަށް މިހާރުވެސް ދަނީ މީހުން އައްޔަން ކުރަމުން، މިގޮތުން ކުރީގެ މަޖިލިސް މެންބަރު ނިހާދު މިދިޔަ ހޮނިހިދު ދުވަހު ވަނީ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފަ، މުސާރައަކީ 43،500 ރުފިޔާ. އޭގެއިތުން ހަރަދު ކުޑަ ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ދަށުން އެތަކެއް މުވައްޒަފުން ތަކެއް ވަޒީފާއިން ވަކިކޮށް މިމަހުގެ ހަތަރު ވަނަ ދުވަހު މެމޯ ފޮނުވާފައި ވާއިރު ހަމަ އެދުވަހު ވަނީ ކުންފުނީގެ ހިއުމަން ރިސޯސް މަސައްކަތަކާއި ރިޕެއާ އެންޑް މެއިންޓަނަންސް މަސައްކަތް ތަޖުރިބާކުރަން ކަމަށްބުނެ 35،000 ރުފިޔާއަށް ވުރެން ބޮޑު މުސާާރައިގަ ދެ ކޮންސަލްޓަންޓުން ނަގާފައި" އޭނާ ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ސަރުކާރުން ހިންގާ ޖަރީމާ އަމާޒު ކުރަނީ އާދައިގެ ވަޒީފާ އަދާ ކުރަމުންދާ ދެރަ ނިކަމެތި އާދައިގެ ރައްޔިތުމީހާ ކަމަށެވެ.

ނަމަވެސް ވަޒީފާ އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށް، ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ ހިލާފަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ އާދައިގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ އެތަކެއް މުވައްޒަފުން އެއްވެސް ހަމައެއް، އުސޫލެއް ނެތި، ވަކިކޮށް އެފަރާތް ތަކުގެ އާއިލާތައް ބިކަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެން ކަމުން ހައްދެއް ނެތި ސަރުކާރު ހިއްސާވާ ކުންފުނި ތަކަށް ބޮޑެތި މުސާރައިގައި މީހުން އައްޔަން ކުރުމާއި ސަރުކާރުގެ އިދާރާ ތަކަށް އައްޔަން ކުރަމުންދާ ސިޔާސީ މަގާމު ތަކަށް ހުއްޓުމެއް ގެނެސް އާދައިގެ ވަޒީފާ ތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށް ގޮވާލައި މިހާތަނަށް ވަޒީފާއިން ވަކި ކޮށްފައިވާ ފަރާތް ތަކުގެ ވަޒީފާތައް އިއާދަ ކޮށްދިނުމަށް ގޮވާލަން،" މެންބަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *