ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް އޮޅުންފިލުވަން މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުު ކުރަނީ

ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް އޮޅުންފިލުވަން މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުު ކުރަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތައް ދޫކުރުމާބެހޭ ގޮތުން ކުރަމުންދާ އެންމެ ފަހުގެ މަސައްކަތްތައް އޮޅުން ފިލުވުމަށް ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓިގެ މިއަދުގެ ބައްދަލުވުމުން އެގޮތަށް ނިންމީ ވޭތުވެ ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އޮތްއިރު، އެ ސްކީމްގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓު ކުރި އެންމެހާ ފަރާތްތަކާއި، އެކަމުގެ މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓުތައް ބާތިލް ނުކުރުމަށް ގޮވާލައި ހުށަހަޅާފައި އޮތް ޕެޓިޝަނަކާ ގުޅިގެންނެެވެ.

އެ ޕެޓިޝަންގެ މައްސަލައިގައި 19 ވަނަ މަޖިލިސް އޮތްއިރު، މިހާރުގެ ހައުސިން މިނިސްޓްރީ އާއި ކުރީގެ ހައުސިން މިނިސްޓްރީގައި ތިއްބެވި އިސް ބޭފުޅުންގެ އިތުރުން އޭސީސީގެ އިސް ބޭފުޅުންވެސް ކޮމިޓީއަށް ހާޒިރުކޮށް ވަނީ މައުލޫމާތު އޮޅުން ފިލުވައިފައެވެ. ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައިވެސް އެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ކުރުމަށް ފަހު، އޭސީސީގެ ބޭފުޅުންނާ ބައްދަލު ކުރަން ވަނީ ނިންމައިފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރި 4000 ފްލެޓަށް ހޮވުނު ފަރާތް ތަކުގެ ލިސްޓެއް އޭރުގެ ސަރުކާރުން ގެޒެޓުކޮށް ފްލެޓް ލިބުނު ކަމުގެ ލިއުން ހަވާލުކުރި ނަމަވެސް ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި، އޭސީސީން ވަނީ ފްލެޓް ހަވާލު ކުރުން ހުއްޓުވާފައެވެ. އޭސީސީން ބުނެފައި ވަނީ އެ ލިސްޓުގައި ޝަރުތު ފުރިހަމަނުވާ މީހުން ހިމެނޭ ކަމަށެވެ. އެހެން ކަމުން އޭސީސީން ވަނީ އެ މައްސަލަ ބަލައި މިނިސްޓްރީއަށް އެކަމާބެހޭ މައުލޫމާތުތައް ހިއްސާ ކޮށްފައެެވެ.

އޭގެފަހުން ފްލެޓަށް ޝަރުތު ފުރިހަމަވާ މީހުން ބަލައި ފްލެޓްގެ މައްސަލަ ކުރިއަށް ގެންދިއުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޓީއެއް އުފައްދަވައި އެ މަސައްކަތް ވަނީ އެ ކޮމިޓީއާ ހަވާލު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *