ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާނެ އެއްވެސް ކަމެއް ވިޔަނުދޭނަން: މިނިސްޓްރީ

ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާނެ އެއްވެސް ކަމެއް ވިޔަނުދޭނަން: މިނިސްޓްރީ

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާނެ އެއްވެސް ކަމެއްވިޔަ ނުދޭނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސްޓޫޑެންޓް ލޯނު އަދި ސަރުކާރުގެ ސްކޮލާޝިޕް ތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރު ލިބެމުންނުދާ ކަމުގެ ޝަކުވާތައް ދަރިވަރުން ދަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅިއެވެ.

ސަރުކާރުން އެހީ ފޯރު ކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2،163 ދަރިވަރަކު މި ވަގުތު ކިޔަވަމުން ދެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ދަރިވަރުންގެ ކޯސްފީ އާއި ލިވިން އެލަވަންސާއި އެހެނިހެން ޚަރަދުތައް ހަމަޖެހިފައިވާ އުސޫލުން ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ އެ މިނިސްޓްރީން ގަވާއިދުން ކުރަމުންދާ ކަމެއް ކަމަށެވެ.

"ނަމަވެސް ބައެއް ފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސް ތަކެއްވާ ކަމަށް ގަބޫލު ކުރަމެވެ. އެއީ މިއަދަކު އެކަނިވި ކަމެއް ނޫނެއެވެ. މީގެކުރިންވެސް މިފަދަ ހާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ،" ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ޕޭމަންޓްތައް ލަސްވަނީ ކަނޑައެޅިފައިވާ ވަގުތަށް، މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވާސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ވަގުތު ނެގުމުގެ ސަބަބުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

"ކަން މިހެން ހުރުމާ އެކު މި މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ ދަރިވަރުންނަށް ފޯރު ކޮށްދޭންޖެހޭ މިފަދަ ޚިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުން ދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ހިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދަމުންނެވެ. އެހެންކަމުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް، ދޭންއޮތް ޔަގީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިމުނަށް ކުރެވެން އޮތް ކޮންމެ ކަމެއް ދިވެހި ސަރުކާރުން ކުރާނެ ކަމެވެ،" ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ސަރުކާރުން އިސްކަންދޭނީ ދިވެހި ދަރިން ހެއުގޮތުގައި ބިނާކޮށް، ގައުމު އާރާސްތު ކުރުމުގައި އެ ދަރިންގެ ހިއްސާ އިތުރު ކުރުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *