އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހިސާންގެ ނަން ހުށަހަޅައިފި

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހިސާންގެ ނަން ހުށަހަޅައިފި

އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެ ޕާޓީގެ ލީގަލް ސެކްރެޓަރީ ޙިސާން ހުސައިންގެ ނަން ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ޙިސާން އައްޔަން ކުރައްވަން ގަސްތުކޮށް، ގައުމީ މަޖިލީހުގެ ރުން އޮތްތޯ ބެލުމަށް އަސާސީ ގަވައިދުގައި ވާގޮތުގެ މަތިން ހިސާންގެ ނަން، ޝާހިދު ހުށަހަޅުއްވައިފި ކަމަށެވެ.

ޝާހިދު ވިދާޅުވީ ނައިބު ރައީސްގެ މަގާމަށް ހިސާންގެ ނަން ހުށަހެޅުއްވީ، އޭނާއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

"އަލްއުސްތާޒާ ޙިސާން ޙުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިޙްލާސްތެރި ގިނަގުނަ ޚިދުމަތް ތަކަށް ބަލާއިރު، އެކަމަނާއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެމެވެ. އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމާއެކު މި ނިންމުމުގައި އެކަމަށްވެސް އަޅުގަޑު ވިސްނުން ބަހައްޓާފައި ވާނެއެވެ." ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހިސާންގެ ނަން، ޕާޓީގެ ރައީސް މިއަދު ހުށަހެޅުއްވިއިރު އެ ޕާޓީގެ ގައުމީ މަޖިލީހުން ހުސްވެފައިވާ ދާއިރާތަކުގެ މަގާމު ތަކަށް ކުރިމަތިލާންވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *