ދަރިވަރުންނަށް ފައިސާ ޖަމާނުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުން: މި ފެނުނީ ދަރިވަރުންނާއި އާއިލާތަކުގެ ދަތިތަކަށް ސަރުކާރުން ބީރު ކަންފަތެއް ދިންތަން

ދަރިވަރުންނަށް ފައިސާ ޖަމާނުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުން: މި ފެނުނީ ދަރިވަރުންނާއި އާއިލާތަކުގެ ދަތިތަކަށް ސަރުކާރުން ބީރު ކަންފަތެއް ދިންތަން

ސަރުކާރުގެ ސްކޮލަރޝިޕް ތަކުގައި އަދި ސްޓޫޑެންޓު ލޯނު ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ސަރުކާރުން ޖަމާ ކޮށްދޭންޖެހޭ ފައިސާ ޖަމާކޮށް ނުދޭތީ، ސަރުކާރުން އެ ދަރިވަރުންނަށް ފައިސާ ޖަމާކޮށް ދިނުމަށް ގޮވާލައި، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލުމުން، އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ނާޒިލް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން، ޝާހިދު ދާދި ދެންމެއަކު އެކްސްގައި ވިދާޅުވީ ފެނިގެން މިދިޔައީ ބޭރުގައި ތައުލީމް ޙާސިލް ކުރަމުން އަންނަ ދަރިވަރުންނާއި، އެ ދަރިވަރުންގެ ޢާއިލާތަށް ތަހަންމަލު ކުރަމުންދާ ދަތި ތަކަށް ސަރުކާރު ބީރު ކަންފަތެއް ދިންތަން ކަމަށެވެ.

"މިއަދު މަޖިލީހަށް ހަށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ސަރުކާރު މެންބަރުން ބޭރު ކޮށްލެއްވުމުން މި ފެނުނީ އެ ދަރިވަރުންނާއި ދަރިވަރުންގެ ޢާއިލާތަށް ތަހަންމަލު ކުރަމުންދާ ދަތި ތަކަށް ސަރުކާރު ބީރު ކަންފަތެއް ދީފިކަމެވެ." ޝާހިދު ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ނާޒިލް ވިދާޅުވީ ދިވެހި ކާބަފައިން އެމީހުންގެ އުމުރު ހުސްކޮށްލީ ދަރިންނަށް ތައުލީމު ހޯދައި ދިނުމުގެ ހާސް ކަމާއި ހިތާމާގައި ކަމަށާއި، ދެން އެފަދައިން އުމުރު ހުސްކުރާނޭ ދިވެއްސަކު ރާއްޖޭގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވައި، ތައުލީމަކީ ގައުމެއް ބިނާ ކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ތަނބު ކަމަށް ދެކި، މަތީތައުލީމު ހާސިލް ކުުރުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުން ހުޅުވާލައި، ރާއްޖޭގައި ހިލޭ ޑީގްރީ ހެދޭނެ ނިޒާމް ގާއިމް ކޮށްދެއްވައި، ރާއްޖޭން ބޭރަށް ކިޔަވަންދާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދެއްވުމަށް ސްކޮލަޝިޕާއި ސްޓޫޑެންޓް ލޯން ސްކީމް ތައާރަފްކޮށް، ޖުމްލަ 10،000 އަށްވުރެން ގިނަ ކުދިންނަށް އެމްޑީޕީސަރުކާރުން މަތީތައުލީމު ހާސިލް ކުރުގެ ފުރުސަތު ތަނަވަސް ކޮށްދީފައިވާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ސްކޮލާޝިޕްގެ ލޯން ސްކީމުގެ ދަށުން ރާއްޖޭން ބޭރުގައި މަތީތައުލީމު ހާސިލް ކުރަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންނަށް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ލަސް ވަމުން ދާތީ އާއި ބައެއް ދަރިވަރުންނަށް ފައިސާ ޖަމާކޮށްދިނުން ހުއްޓާލާފައިވާ  ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ، ޖަމާނުކޮށް ދޭތީ، ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެ، ޔުނިވާރސިޓީ ނުވަތަ ކޮލެޖަށް ދައްކަންޖެހޭ ކޯސް ފީ ނުދެއްކި، އެކުދިނަށް ޔުނިވާސިޓީ، ނުވަތަ ކޮލެޖުން އިންޒާރުދީ އެކުދިން ބްލެކްލިސްޓް ކުރާ ހިސާބަށް މައްސަަލަ ގޯސް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ބައެއް ދަރިވަރުންނަށް ދިރިއުޅޭ ތަނުގެ ކުލި ނުދެއްކި ގިނަ ދުވަސް ތަކެއް ވަމުންދާތީ، އެކުދިން ދިރިއުޅެމުންދާ ތަން ހުސް ކުރަން ޖެހި، އެކުދިން މަގުމަތި ވުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އާއިލާއާއި ދުރުގައި، ރާއްޖޭން ބޭރުގައި އެކުދިން އުޅެމުން ދާއިރު ދުވަހުން ދުވަހަށް އެކުދިން ކުރަންޖެޙޭ ޚަރަދު ތައްވެސް ނުކުރެވި، އެކި ފަރާތުގެ އެހީތެރިކަަމަށް އެދި ސަލާން ޖަހަންޖެހޭ ހާލަތަށް ބައެއް ކުދިންނާއި އެކުދިންގެ އާއިލާތަށް ގޮސްފައިވާ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

އެކަން އެހެން އޮއްވައި ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ތިޖޫރީ ހުސް ކުރަނީ ސަރުކާރުގެ ވެރިންނާއި ގެކޮޅުތަކާއި އޮފީސްތައް ޒީނަތްތެރި ކުރުމަށާއި ޑޮލަރު ޚަރަދު ކޮށްގެން ބޮޑެތި ވަފުދުތައް ހަދައިގެން ރާއްޖޭން ބޭރަށް ދަތުރު ކުރުމަށާއި ސިޔާސީ މުވައްޒަފުން ފައުޖު ފައުޖަށް އައްޔަންކޮށް އެމީހުންނަށް މުސާރަދޭން ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ވިދާޅުވީ، މިސަރުކާރުން އުމްރާނީ ތަރައްގީއަށް އަދި އިންސާނީ ތަރައްގީއަށް ބޭނުންވާ އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަ ވެފައިވާއިރު، އެފަދަ ކަންތައް ތަކަށް ބޭނުންވާ އެއްވެސް ސިޔާސަތެއް އެކުލަވާލައި ތަންފީޒު ކުރަމުން ނުދާކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ނަތީޖާ ދައްކައިދޭ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، އެކަމުގައި ދަރިވަރުންނަށް އެއްވެސް ޖަވާބެއް ސަރުކާރުން ދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭން ބޭރުގައި ކިޔަވަންމުންދާ ކުދިންނާއި އެ ކުދިންގެ އާއިލާ ތަކަށް މި ސަރުކާރުން ކުރިމަތިކުރުވާ އުނދަގުލާއި ހާސްހަމާއި ހިތާމައަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ބަަލައިގަނެވޭނެ ކަމެއްނޫން ކަމަށް ވީހިނދު އަދި ރާއްޖޭން ބޭރުގައި ތިބި ކިޔަވާކުދިންނަށް ސަރުކާރުން ޖަމާ ކޮށްދޭންޖެހޭ ފައިސާ މިހާރުން މިހާރަށް ޖަމާކޮށް ދިނުމަކީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ ވަޒީރުގެ ޤާނޫނީ ޒިންމާއަކަށް ވީހިނދު އެ ޒިންމާ ވަގުތުން ވަގުތައް އަދާކުރުމަށް، ވަޒީރަށް ގޮވާލަން،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވިއެވެ.

ކުއްލި މައްސަލައާމެދު ބަހުސް ކުރަން ފެނޭތޯ މަޖިލީހުގައި ނެގި ވޯޓުގައި، އެ މައްސަލައަށް ބަހުސް ކުރަން ފެންނަ ކަަމަށް ވޯޓު ދެއްވީ އެވަގުތު މަޖިލީހުގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ. އެ ކުއްލި މައްސަލައަށް ވާހަކަ ދައްކަން ބޭނުން ނޫން ކަމަށް 59 މެންބަރުން ވޯޓު ދެއްވައިގެން މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *