ކައުންސިލް ތަކުގެ ސައިޒް ކުޑަ ކުރުން: ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތި ކޮށްލުމަކީ ގޮތެއް ނޫން

ކައުންސިލް ތަކުގެ ސައިޒް ކުޑަ ކުރުން: ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތި ކޮށްލުމަކީ ގޮތެއް ނޫން

ދައުލަތުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން، ޚަރަދުތައް ކުޑަކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ލާމަރުކަޒީ ނިމާޒު ނެތިކޮށްލުމަކީ ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައި ޕާޓީ އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދުު މުއިއްޒު ވިދާޅުވީ ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ އަދަދެއްގެ ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަކީ ޚަރަދުބޮޑު ކަމެއް ކަމަށެވެ. އެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކައުންސިލް ތަކުގެ ސައިޒް ކުޑަ ކުރަންޖެހޭ ކަމަށެވެ.

"މިކަހަލަ އިސްލާހު ތަކެއް ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ގެނައީމަ އެސަލާމަތް ކުރެވެނީ ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. އެ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއް ކުރެވޭނެ. އެތައް ކަމެއްގައި ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރެވޭނެ ސަރުކާރަށް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅު ތަކަށް ރައްދު ދެއްވުމުގެ ގޮތުން ޝާހިދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު ޅަފަތުގައި ވަނިކޮށް، ފިނި ކޮޓަރީގައި ތިއްބަވާ ރަށްރަށުގެ ހާލަތު ނޭނގޭ ބޭފުޅުން އަނެއްކާވެސް މާލޭގައި ހުންނަ އެ ފިނި ކޮޓަރިއަށް ބާރުތައް ޖަމާ ކުރަން ފަށާއިފަައިވާ ކަމަށެވެ.

“ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ޤައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމައި ލާމަރުކަޒީ ނިޒާމު ނެތި ކޮށްލުމަކީ ގޮތެއް ނޫން" ޝާހިދު ވިދާޅުވިއެވެ.

ކައުންސިލް ތަކުގެ މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅަށް ގިނަބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

ފާޑުކީ ގިނަ ފަރާތް ތަކުން ބުނީ ސަރުކާރުން އަމާޒު ހިފާފައި ވަނީ ރައްޔިތުން އެ މީހުންގެ ސީދާ ވޯޓަކުން ހޮވައިފައިވާ ކައުންސިލަރުންގެ ބަދަލުގައި ކުޑަކަތީބާއި ބޮޑު ކަތީބުގެ ގެނެސް، ގައުމު ފަހަތައް ސޮއްސާލުމަށް ކަމަށެވެ. އެއީ ރައްޔިތުންނަށް ލިބިފައިވާ ކަންކަމުގައި ބަސް ބުނުމުގެ ބާރު އެއްކޮށް ނެތިގެންދާނެ ކަމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *