ހިރިޔާ ސްކޫލުން ވަކިކުރި ޓީޗަރަކަށް 32 ހާސް ރުފިޔާ އާއި ޓިކެޓް ފައިސާ ދިނުމަށް އަންގައިފި

ހިރިޔާ ސްކޫލުން ވަކިކުރި ޓީޗަރަކަށް 32 ހާސް ރުފިޔާ އާއި ޓިކެޓް ފައިސާ ދިނުމަށް އަންގައިފި

ހިރިޔާ ސްކޫލްގެ ބިދޭސީ ޓީޗަރެއް ވަކިކުރި މައްސަލައިގައި، ބަދަލުގެ ގޮތުގައި އޭނާއަށް 32،700 ރުފިޔާ އާއި އޭނާ ގައުމަށް ދިއުމަށްޓަަކއި ޓިކެޓް ފައިސާ ދިނުމަށް ސިވިލްސާވިސް (ސީއެސްސީ) ގެމައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.

މި މައްސަލައކީ ހިރިޔާ ސްކޫލްގެ ފިޒިކްސް ޓީޗަރެއްގެ މަގާމު އަދާކުރަމުން ދިޔަ އިންޑިޔާ ރައްޔިތެއް ކަަމަށްވާ ދީނަދަޔަލު ސެންތިލްކުމާރު ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެވެ. ދީނަދަޔަލު ސެންތިލްކުމާރު ބުނެފައި ވަނީ 11 މެއި 2000 އިން ފެށިގެން ޓީޗަރެއްގެ ގޮތުގައި އޭނާ ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ކަމަށާއި، ސީއެސްސީއާއެކު ވި އެއްބަސްވުމެއްގެ ދަށުން ހިރިޔާ ސްކޫލަށް މަސައްކަތް ކުރަން ފެށީ 1 އޮގަސްޓް 2022 ގައި ކަމަށެވެ. ނަަމަވެސް އެކަށީގެންވާ އެެއްވެސް ސަބަބެއްނެތި 7 ނޮވެމްބަރު 2022 ގައި އޭނާ ހިރިޔާ ސްކޫލްގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއިން ވަކިކުރުމުގައި ގާއިމް ކުރަންޖެހޭ މައުލޫއީ އަދުލުވެރުކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށް ކަނޑައެޅުމަށާއި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ ރުޖޫއަކޮށް ދިނުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާ ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު އެންމެހާ ގެއްލުމުގެ ބަދަލާއި މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށާއި، އޭނާ ވަޒީފާ އަދާކުރި ކަމުގެ ލިއުންތައް ހިއްސާކޮށް ދިނުމަށް ސީއެސްސީގެ މައްޗަށް އަމުރު ކޮށްދިނުމަށް އޭނާ ވަނީ ޓްރައިބިއުނަލްގައި އެދިފައެވެ.

ދެފަރާތުގެ ވާހަކަތަކާއި ހެކި ތަަކަށް ބެލުމަށްފަހު، މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒިފާއާބެހޭ ޤާނޫނުގެ ދަށުން މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައި ކަމަަށް ކަނޑައަޅާ ކަމަށެވެ. ނަމަވެސް އޭނާ ވަކި ކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމް ކޮށްފައިނުވާ ސަބަބަށްޓަކައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާގެ މުސާރަ އާއި އިނާޔަތް ތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ލިބެމުން ދިޔަ 16،350 ގެ ނިސްބަތުން ދެ މަސް ދުވަހުގެ މުސާރަ އާއި އިނާޔަ ތްތަކަށްވާ ފައިސާގެ ގޮތުގައި 32،700 ރުފިޔާ ދިނުމަށް އަމުރުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ވަޒީފާ އަދާކުރި ކަމުގެ ލިޔުންތައް އޭނާއަށް ދޫކުރަން ސީއެސްސީއަށް އަންގަންޖެހޭ ކަމަށާއި، އޭނާ ވަކި ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށްޓަކައި، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ޓިކެޓް ނުވަތަ ޓިކެޓަށްވާ ފައިސާ ދިނުމަށްވެސް ވަނީ ކަނޑައަޅައިފައެވެ. އަދި ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު، ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިއުމުން އެންގުމަށް ސީއެއްސީއަށް އަންގާ އަމުރުކުރާ ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *