ވެރިކަންކުރާ ޕީއެންސީގެ 80 ވަރަކަށް މެންބަރުން ރައްޔިތުން މަޖިލީހުގައި އެތިބީ އެމްޑީޕީން ކުރިއަށް ގެންދިޔަ އިސްލާހީ މަސައްކަތުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ ޕީއެންސީގެ މެންބަރުންނަށް އެ މަގާމަށް އާދެވޭނެ ކަމުގެ ހުވަފެން ދެކެވުނީސް އެމްޑީޕީގެ އިސްލާހީ މަސައްކަތުގެ ސަބަބުން ކަމަށާއި އެހެންނޫނީ އެ މެންބަރުންނަށް އެ މަގާމަށް އާދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
“އެހެންނޫންނަމަ އަޅުގަނޑު ގަބޫލުނުކުރަން އެކަހަލަ އާންމު ރައްޔިތުންނަށް ރާއްޖޭގައި އެފަދަ ފުރުސަތެއް އޮތީސް ކަމަކަށް” ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އާ ގާނޫނުއަސާސީއާއެކު އަނިޔާވެރިކަން ރާއްޖޭގައި ދެން އިއާދަނުވާނެ ކަމަށް އުއްމީދު ކުރެވުނު ކަމަށެވެ. ނަމަވެސް އިސްލާހީ މަސައްކަތަކީ ނިމޭނެ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެކަން އެގޮތަށް ގަބޫލުކުރަން ފެށީ 2013 އިން 2018 ވަނަ އަހަރަށް އޮތް ވެރިކަމުގެ ސަބަބުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ އިސްލާހީ މަސައްކަތުގެ ސަބަބުން ލިބިފައިވާ ހައްގުތައް އިސާހިތަކު ބީވެގެން ވެސް ހިނގައިދާނެ ކަމަށާއި އެހެންކަމުން ރައްޔިތުން ހުށިޔާރުވެ ތިބުން މުހިންމު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.