އަގުބޮޑުވުމުން މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެނދު ކަނޑާލައިފި

އަގުބޮޑުވުމުން މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެނދު ކަނޑާލައިފި

ބޭސްފަރުވާގެ އެކި ބޭނުން ތަކަށް ދިވެހިން ގިނައިން ގޮސްއުޅޭ އިންޑިޔާގެ މަނިޕާލް ހޮސްޕިޓަލުން ސިއްހީ ފަރުވާދޭ އަގުތައް ބޮޑުކަމުން، އެ ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އާސަންދައިގެ ސިޔާސަތުތައް ކަނޑައަޅާ އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން މަނިޕާލަށް އާސަންދައިގެ ހިދުމަތް ދިނުން މެދުކަނޑާލީ އެ ހޮސްޕިޓަލްގެ އަގުތައް ބޮޑުކަމުން، އަގު ހެޔޮކުރުމުގެ މަޝްވަރާ ކުރަމުން އަންނާތީ ކަމަށެވެ.

އާސަންދައިން ކަނޑައަޅާފައިވާ ރޭޓްގެ އިތުރަށް ބަލި މީހުންގެ އަތުން އެތައް ގުނައަކުން ފައިސާ މަނިޕާލް ހޮސްޕިޓަލުން ނަގާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ހީނާ ވިދާޅުވި އެވެ. އެހެންވެ، ވަކި ގޮތެއް ނިންމަންދެން، މިހާރު ވެސް އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް ފަރުވާ ކުރިއަށް ގެންދެވޭނެ ކަމަށާއި، އާސަންދަ ނުލިބޭނީ އަލަށް ފަރުވާ ބޭނުންވާ މީހުންނަށް ކަމަށް ހީނާ ވިދާޅުވި އެވެ.

"މަނިޕާލަށް ފޮލޯއަޕް ކޭސް ތަކަށް ދާ މީހުންނަށް މިހާރު ވެސް އާސަންދަ ލިބޭނެ. އާ ކޭހަކަށް ނުފޮނުވާނެ." އޭނާ ވިދާޅުވި އެވެ.

އާސަންދައިގައި ބޭރުގެ 57 ހޮސްޕިޓަލެއް ވަނީ އެމްޕެނަލް ވެފައެވެ. އޭގެތެރެއިން، ސްރީލަންކާގެ އަށް ހޮސްޕިޓަލެއް ފިޔަވާ، ބާކީ 49 ހޮސްޕިޓަލަކީ އިންޑިއާގެ ތަންތަނެވެ. އެ ހުރިހާ ތަނެއްގެ ތެރެއިން ވެސް އެންމެ އަގުބޮޑު ތަނަކީ މަނިޕާލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *