އެމްއޭސީއެލް އެމްޑީގެ ކާރު ވަގަށްނެގި ހައިޝަމާއި ނިޒާމްގެ މައްޗަށް ދައުވާކޮށްފި

އެމްއޭސީއެލް އެމްޑީގެ ކާރު ވަގަށްނެގި ހައިޝަމާއި ނިޒާމްގެ މައްޗަށް ދައުވާކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފުގެ ދުއްވުމަށް ހާއްސަކޮށްފައިވާ ކާރު ވަގަށް ނެގި މައްސަލައިގައި ހަރަކާތްތެރިވި ދެމީހުންނަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާޖެނެރަލް އޮފީހުން މިއަދު ބުނީ، އެމްޑީ ދުއްވުމަށް ހާއްސަކޮށްފައިވާ ކާރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާވިސް ބިލްޑިންގގައި ޕާކްކޮށްފައި އޮއްވާ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ހަތެއްޖަހާ އެހާކަންހާއިރު ވަގަށްނަގާފައިވާ މައްސަލައިގައި ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ، އެމްއޭސީއެލްގެ ދެ މުވައްޒިފުން ކަމަށްވާ މ. ސީނީއަސުރުމާގެ، މުހައްމަދު ހައިޝަމް އާއި، މ. މޮޑަންކޮމެޓް، އަހްމަދު ނިޒާމްގެ މައްޗަށެވެ.

މީގެތެރެއިން ނިޒާމުގެ މައްޗަށް ކޮށްފައި ވަނީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާ އާއި މުދަލަށް ގެއްލުންދިނުމުގެ ދައުވާއެވެ.

މީގެތެރެއިން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ގެ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާގެ އަދަބާއި މުދަލަށް ގެއްލުންދިނުމުގެ ދައުވާގެ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ހައިޝަމްގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. ވަގަށް ނަގާފައިވާ ކާރުގެ އަގަކީ 34560 އެމެރިކާ ޑޮލަރު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *