އެމްއެސް ފައިނޭންސްއިން 871،000 ރުފިޔާ ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މި މައްސަަލައަކީ އަނބުރާ ދައްކާ ގޮތަށް 2022 ވަނަ އަހަރުގެ އޮގަސްޓް 29 ގައި އެމްއެސް ފައިނޭންސްއިން އެފްއޭއެމް ނަގާފައިވާ 771،000 ރުފިޔާ ދެއްކުމަށްޓަކައި 50،000 ޑޮލަރު ނެގޭގޮތަށް އެފްއޭއެމުން ދޫކޮށްފައިވާ ޗެކް ރިޓާންވެ އެ ޗެކަށް ފައިސާ ލިބިފައި ނުވާތީ އެމްއެސް ފައިނޭންސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.
މި މައްސަލައިގައި އެފަރާތުން ވަނީ އެފްއޭއެމުން ދައްކަންޖެހޭ 771،000 އާއި އެފައިސާ ހޯދުމަށްޓަކައި ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހުމުން، ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހަރަދުވެފައިވާ 100،000 ރުފިޔާ ޝަރީއަތް މެދުވެރިކޮށް އެއްފަހަރާ ހޯދުމަށް ކޯޓުގައި އެދިފައެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، އެ މައްސަލަ އެފްއޭއެމްގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެހެން ކަމުން އެމްއެސް ފައިނޭންސްއިން އެދިފައިވާ 771.000 ރުފިޔާ އާއި ޝަރީަތުގެ ހަރަދުގެ ގޮތުގައި ހޯދަން އެދިފައިވާ 5،000 ރުފިޔާއަކީ އެފްއޭއެމް އިން އެފަރާތަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާ ކަމަށެވެ.
އެހެން ކަމުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެމްއެސް ފައިނޭންސްއަށް ދެއްލުމަށް އެފްއޭއެމްގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.