ރަސްމީ ފާލަން ހެދުމަށް އެއްބަސްވުން ހަދައިފައިވަނީ ކުރީ ސަރުކާރުން: މުއްތަލިބު

ރަސްމީ ފާލަން ހެދުމަށް އެއްބަސްވުން ހަދައިފައިވަނީ ކުރީ ސަރުކާރުން: މުއްތަލިބު

މާލޭގެ ރަސްމީ ފާލަން، އަލުން ހެދުމަށް އެއްބަސްވުން ހަދައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކުރީ ސަރުކާރުން ކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ގައުމު ހިންގާނެ ފައިސާ ނެތްއިރު އަދި މިދިޔަ ސަރުކާރު ނިންމާލީ ދައުލަތުގެ ހަޒާނާ "ލޫޓުވާލާފައި" ކަމަށް މި ސަރުކާރުން ބުނާއިރު، ބަޔަކު ނުލާހިކު ރީއްޗަށް ވަރުގަދަކޮށް ހަދާފައި ހުރި ފާލަމެއް "ތަޅާ ސުންނާފަތި"ކޮށްފައި ބޭކާރު ހަރަދުތަކެއް ކުރަނީ ކީއްކުރަންތޯ ބުނެ މީހަކު ވަނީ މި ސަރުކާރާ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާ ފާލަމަކަށްވުމާ އެކު މިފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

“ރަސްމީ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން ފާލަމުގެ މަތީ ބައި އަލުން ހެދުމަށް ނިންމައި އެމްޓީސީސީ އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 އޮގަސްޓް 2023 ގައެވެ” މުއްތަލިބު ވިދާޅުވި އެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 11.7 މިލިއަން ރުފިޔާ އަށެވެ.

ރަސްމީ ފާލަން މިހާރު އެހުރި ޑިޒަނުގައި ހަދައި ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެތަން އޭރު މަރާމާތުކޮށް އަލުން ހެދީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް 2015ގައި ފާހަގަކުރި އިރު އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ޑިޒައިނަަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ފާލަން 2017ގައި ވެސް ވަނީ މަރާމާތުކޮށްފަ އެވެ.

އެތަނުގެ އަލުން މަރާމާތުކޮށް ޑިޒައިން ބަދަލުކުރަން ނިންމައި، މަރާމާތަށް އެތަން މިހާރު ވަނީ ބަންދު ވެސް ކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *