ކޮވިޑު ތެރޭގައި ފިހާރަ ތަކުން ކޮންޓްރޯލް ރޭޓަށްވުރެ ބޮޑުކޮށް ވިއްކި ކާޑުގެ ފައިސާ ހޯދައިފިން: އެންޑީއެމްއޭ

ކޮވިޑު ތެރޭގައި ފިހާރަ ތަކުން ކޮންޓްރޯލް ރޭޓަށްވުރެ ބޮޑުކޮށް ވިއްކި ކާޑުގެ ފައިސާ ހޯދައިފިން: އެންޑީއެމްއޭ

ކޮވިޑް-19ގެ ތެރޭގައި އެކަހެރި ކުރި މީހުންނަށް ހިދުމަތް ދިނުމަށް ފިހާރަތަކުން ގަތް ކާޑުގެ ބާވަތްތަކުގެ ތެރެއިން ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ވިއްކި ކާޑަށްވާ ފައިސާ، އެ ވިއްކި ފަރާތްތަކުން އަނބުރާ ހޯދާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް އޮފިސަަރު (ސީއީއޯ) ހިސާން ހުސެއިން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ އިއްޔެ ބައްދަލުވުމަށް ވަޑައިގެން ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ކޮމިޓީގައި ހިސާންއާ ސުވާލު ކުރައްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ކާޑުގެ ބާވަތްތައް ގަތްއިރު ބާޒާރުގައި ހުރި އަގަށްވުރެ އެތައް ތަނެއް ބޮޑުކޮށް ކާޑު ގަތުމާއި އެކަހެރި ކުރި މީހުންނަށް އެކޮމަޑޭޝަން ހަމަޖެއްސުމުގައި އެގްރީމެންޓްތަކެެއް ނެތި އެކި ތަންތަން ހޯދާފައިވާކަން ފާހަގަވާ ކަމަށެވެ.

އެކަމާ ގުޅިގެން އޮޑިޓް އޮފީހުން ރަނގަޅު ކުރަން އެންގި ކަންކަން ރަނގަޅު ކޮށްފައިވޭތޯއާއި ގަތް ތަކެތީގެ ތެރެއިން، އަގު ބޮޑު ކުރި ބައި ހޯދާފައިވޭތޯ އަޒާން ސުވާލު ކުރެއްވިއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހިސާން ވިދާޅުވި، ކޮވިޑްގެ ފުރަތަަމަ ހަ މަސް ދުވަހު އެއް ބިލިއަން ރުފިޔާއާ ގާތަށް އެ އޮތޯރިޓީން މުއާމަލާތް ކުރި ކަމަށެވެ. ނަމަވެސް އެކަންތައް ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓް އޮފީހުން ފާހަގަކުރި ހުރިހާ ކަމަކަށް އިޖާބަދެމުން ކަމަށްވެސް ވިދާޅުވިއެވެ.

އޭރު އެ ފަރާތުން ގަތް ކާޑުގެ ބާވަތްތައް، އެ ތަނަށް ވިއްކާފައިވަނީ ސަރުކާރުގެ ކޮންޓްރޯލް އަގަށްވުރެ މާބޮޑު އަގަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފަހުން އެ އަގު ކޮންޓްރޯލް ކޮށްފައިވާ އަގަށް ތިރިކޮށް އަގުގެ ބޮޑުުކުރި ބަޔަށްވާ ފައިސާ އެ ކާޑު ވިއްކި ފަރާތްތަކުން ހޯދާފައިވާނެ ކަމަށާއި އެކަން އޮޑިޓް ރިޕޯޓުތަކުގައި އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ކޮވިޑްގައި މީހުން އައިސޮލޭޓް ކުރުމަށް ހޮޓަލާއި ގެސްޓްހައުސްތައް ބުކިން ކުރީ ޓޫރިޒަމް މިނިސްޓްރީ ތެރެއިން އެގްރީމެންޓްތައް ހަދާ ގޮތަށް ކަމަށެވެ. އެހެންކަމުން އެ ހުރިހާ އެގްރީމެންޓެއް ހަދާފައިވަނީ އެ މިނިސްޓްރީގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

"މީގެ ދެ ހަފުތާ ކުރިންވެސް ތިފަދަ މައްސަލައެއްގައި ކޯޓުން ހުކުމެއް ނެރުނު ނަމަވެސް ނިމުނީ އަޅުގަނޑުމެންނާ އެއްކޮޅަށް އެ ފަރާތަށް ފައިސާ ދޭން ނުޖެހޭ ގޮތަށް،" ހިސާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *