ގަދަ 16 އަށް ދާން އިންގްލެންޑަށް ބާރުބޮޑު ވެއްޖެ

ގަދަ 16 އަށް ދާން އިންގްލެންޑަށް ބާރުބޮޑު ވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކާ 1-1 އިން އެއްވަރުވެ، އިންގްލެންޑުން ގަދަ 16 ބުރުގެ ޖާގައެއް ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

މި ގްރޫޕްގެ ހަތަރު ޓީމަށްވެސް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އިންގްލެންޑް އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑެންމާކާއި ތިން ވަނައިގައި އޮތް ސްލޮވީނިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ސާބިއާ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، އިންގްލެންޑުން ކުޅޭނީ ސްލޮވީނިއާއާއެވެ. ސާބިއާ ބައްދަލު ކުރާނީ ޑެންމާކާ އެވެ. ދެ މެޗު ކުޅޭނީ އެއް ވަގުތެއްގައެވެ.  ފްރޭންކްފާޓް އެރީނާގައި ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި އިންގްލެންޑަށް ލީޑުނަގައި ދިނީ ޓީމުގެ ކެޕްޓަން، ހެރީ ކޭންއެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ކޭން ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ލަނޑާ އެކު ކޭން ވަނީ މައިކަލް އޯވެން އާއި ވޭން ރޫނީއާ އެއްވަރަށް ޔޫރޯ އާއި ވޯލްޑް ކަޕްގައި އިންގްލެންޑަށް ގޯލު ޖަހައިދީފަ އެވެ.

މި ތިން ކުޅުންތެރިން ވެސް ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އިންގްލެންޑަށް ލީޑުގައި އޮވެ ފުރަތަމަ ހާފު ވެސް ނިންމައިނުލެވުނެވެ. މެޗުގެ 33 ވަނަ މިނިޓްގައި ޑެންމާކަށް އެއްވަރުކޮށްދިނީ މޯޓެން ހިއުލްމަންޑް އެވެ. އޭރިއާބޭރުން ހިއުލްމަންޑް ޖެހި ބާރު ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. މިއީ ގައުމީ ޓީމަށް ހިއުލްމަންޑް ޖަހައިދިން ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފުގައި އަލުން ލީޑުނެގޭތޯ އިންގްލެންޑުން މަސައްކަތްކުރިއިރު، ޑެންމާކުން ވެސް ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއް ކުރި އެވެ.

ޑެންމާކުން ވަނީ ދެ ވަނަ ހާފުގައި ކުރިއަށް ޖެހިގެން ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅެވޭތޯ މަސައްކަތްކޮށްފަ އެވެ. އެ ގޮތުން، ޑެންމާކުން ބަދަލަކަށް ކުޅެން އެރި މިކެލް ޑަމްސްގާޑް އާއި ޕިއޭ އެމީލް ހޮއިބިއާ ޖެހި ބޯޅަ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. އިންގްލެންޑަށް އަލުން ލީޑުނަގައިދޭން ދެ ވަނަ ހާފުގައި އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ފިލް ފޯޑެން އެެވެ.

އޭރިއާބޭރުން ފޯޑެން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ބަދަލަކަށް ކުޅެން އެރި އިންގްލެންޑްގެ ފޯވާޑް، އޮލީ ވަޓްކިންސް ހުސްކޮށް އަރައި ޖެހި ބޯޅަ ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ. އިންގްލެންޑުން ޑެންމާކާ އެއްވަރުވެގެން މެޗު ނިމުނުއިރު، އަނެއްކާ ވެސް ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ދެ މެޗުން މޮޅުވުމަށް އެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ. އިންގްލެންޑަށް އަދި މިހާތަނަށް ޔޫރޯގެ ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *