ގީތޫން ވިލެޖު: ދުނިޔޭގެ އެންމެ ރީތި އެއްތަން، ވެހިކަލް ދުއްވާނެ މަގު ތަކެއް ނެތް، ހުސް ކޯރު!

ގީތޫން ވިލެޖު: ދުނިޔޭގެ އެންމެ ރީތި އެއްތަން، ވެހިކަލް ދުއްވާނެ މަގު ތަކެއް ނެތް، ހުސް ކޯރު!

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހިމެނޭ އާދަޔާ ޚިލާފު ރަށްރަށާއި ޝަހަރުތަކުގެ ތެރެއި ނެދަލޭންޑްގެ ގީތޫން ވިލެޖަކީ ފާހަގަ ކޮށްލެެވޭ ތަނެކެވެ. ވެނިސް އޮފް ނޯތު ނުވަތަ ވެނިސް އޮފް ނެދަލޭންޑްސް ވެސް އެތަނަށް ކިޔައެވެ. މިތަން އެންމެ ބޮޑަށް ފާހަގަވެ ދުނިޔެއަށް މަޝްހޫރުވެފައި ވަނީ (ނޯ ރޯޑް އައިލެންޑް) ނުވަތަ މަގުނެތް ރަށުގެ ގޮތުގައެވެ.

ދުނިޔެމަތީގެ ސުވަރުގެ ކަމަށް މަޝްހޫރު މިތަނަކީ އާދަޔާ ޚިލާފަށް ހިތްފަސޭހަ ރީތި ތަނެކެވެ. މިތަނުގެ ހިތްފަސޭހަކަން އިތުރު ކޮށްދެނީ އެތަނަށް ވެރިވެފައިވާ ހަމަހިމޭން ކަމެވެ. މިއީ މަގުމަތީގައި ދުއްވާ ވެހިކަލް ފަދަ ތަކެތި ދުއްވާނެ އެއްވެސް މަގެއް އޮންނަ ރަށެއް ނޫނެވެ. އެހެން ކަމުން ސައިކަލާއި ކާރުގެ އަޑުފައްގަނޑެއް މިތަނަކުން ނީވެއެވެ. އޭގެ ބަދަލުގައި އާއްމުކޮށް މިތަނުން އިވެނީ، ކޯރުތަކަށް ތިރިކުރާ ދޫނި ތަކުގެ އަޑާއި، އެ ކޯރު ތަކުގެ ރާޅުބާނީގެ އަޑާއި ވަޔާއި ގަސްތައް ހަރަކާތްތެރިވާ ފަދަ ގުދުރަތީ އަޑު ތަކެކެވެ.

މަގުގެ ބަދަލުގައި މިތަނުގައި އޮންނަނީ ހުސް ކޯރެވެ. އެހެން ކަމުން އެއްތަނުން އަނެއްތަނަށް ކުރަންޖެހޭ އެތެރޭގެ ހުރިހާ ދަތުރެއް ކުރުމަށް އެތަނުގައި ބޭނުން ކުރަނީ އެކި ވައްތަރުގެ ބޯޓު ފަހަރެވެ. އޭގެތެރޭގައި ކުދި އިންޖީނު އަޅާފައި ހުންނަ އަޑުމަޑު ސްޕީޑް ބޯޓާއި ފަލި ބޭނުން ކުރާ ބޯޓު ފަހަރު ހިމެނެއެވެ.

 

ތަފާތު މާގަސްތަކާއި ވިނަގަނޑުތައް ހިމެނޭ މިތަނުގައި، ހިނގާފައި އެއްފަރާތުން އަނެއް ފަރާތަށް ހުރަސް ކުރަން ހުންނަނީ ލަކުޑި ބްރިޖު ތަކެކެވެ. އެއް ގޮތަކަށް ޑިޒައިން ކޮށްފައިވާ އޭގެ 176 ބްރިޖް މިތަނުގައި ހިމެނެެވެ. ތަފާތު ހަމަހިމޭން މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ޒިޔާރަތްކުރާ ތަނެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި މިތަން މަޝްހޫރު ވެފައިވާއިރު، އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިން އެންމެ ޝައުގުވެރި ވަނީ ބޯޓު ދުއްވުމަށެވެ.  އެތަނުގައި ބޯޓު ފަހަރު ދުއްވަން ލައިސަންސެއް ކޮންމެހެން ބޭނުމެއް ނުވެއެވެ.

ނެދަލޭންޑްގެ ވެރިރަށް އެމްސްޓެޑަމް އިން ރޭލުގައި ޒްވޮލޭއަށް އަދި އެތަނުން ސްޓީންވައިކް އަވަށަށް ދިއުމަށްފަހު، އެތަނުން ބަހުގައި 30 މިނިޓުގެ ދުއްވުމަކަށް ފަހު ދެވޭ ގީތޫންއަށް ގޮސްފައި ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ދަތުރު ކުރާނެ ބޯޓެއް ބުކް ކުރުމެވެ. އެތަނުގައި އެކި ސައިޒުގެ ތަފާތު ބޯޓުތައް ހުރެއެވެ. އަހަރެމެން ސައިކަލާއި ކާރު ގެން އުޅޭހެން އެ ތަނުގެ ކޮންމެ ގެއެއްގައިވެސް ދަތުރު ކުރަން އޮންނަނީ މިބުނި ވައްތަރުގެ ކުދި ބޯޓު ފަހަރެވެ. ޓެކްސީއަކީވެސް އޭގެ ބޯޓުތަކެވެ.

ބޯޓު ދޫކުރަނީ އެމީހަކު ބުނާ ގަޑިއިރަކަށެވެ. އާއްމުކޮށް ބޯޓު ދުއްވަން ޖެހެނީ އެމީހާ އަމިއްލައަށެވެ. ގިނަ މީހުން ބޯޓު ދުއްވަން ދަސް ކުރަނީވެސް އެގޮތަށް ނަގައިގެން އެއްތަނުން އަނެއްތަނަށް ދުއްވުމުގެ ތެރޭގައެވެ. ނަމަވެސް އަހަރެމެން ބަހުގައި ދަތުރުކުރާ ގޮތަށް އެ ކޯރު މަގު ތަކުގައި ދަތުރުކުރާ އެހެން ބޯޓު ފަހަރުވެސް އުޅޭނެއެވެ.

މިތަނުގެ ގެތަކަކީވެސް އެތައް ޒަމާނެއް ކުރިއްސުރެން އަޅަމުން އަންނަ ގޮތަށް ބަދަލެއް ނައިސް ބިނާ ކުރަމުންދާ ގެ ތަކެކެވެ. މިތަނުގައި ފަތުރުވެރިންނަށްޓަކަގައި ޚާއްސަ ގޭގެ އާއި ރެސްޓޯރެންޓްތައްވެސް ހިމެނެެއެވެ.

މިތަނުގެ އަނެއް ހިތްގައިމު ކަމަކީ ފިނި މޫސުމުގައި މި ކޯރު މަގުތަކުން ސްކީ ކުރެވޭގޮތަށް ބަދަލުވުމެވެ. އޭރުން އޮންނަނީ އެ މަގު ތަކުގައި ސްކީ ކުރުމާއި، އައިސް ތަކުގެ މަތީގައި ދުއްވާ އެއްޗެހި ދުއްވުމެވެ. ބުނެވޭ ގޮގައި މި ތަނުގެ މަގު ތަކުގެ ބަދަލުގައި ކޯރުތަކެއް އުފެދުނީ އެއް ޒަމާނެއްގައި އެތަނަށް އައި ތޫފާނެއްގެ ސަބަބުންނެވެ. އެ ތޫފާނުގެ ސަބަބުން އެތަން އެކި ގޮތްގޮތަށް ބައިވެ، ކޯރުތައް އުފެދުނީއެވެ.

އެ މަގު ތަކުގައި ބޯޓު ފަހަރުގައި ދަތުރުކުރި ނަމަވެސް، ބަންޑުން ޖަހައިލުމުގެ ބިރު ވަރަށް ކުޑައެވެ. އެއްކަމަކީ އެއީ ބޮޑެތި ރާޅުތައް ނަގާ ތަނެއް ނޫނެވެ. އަނެއް ކަމަކީ އެއީ މާފުން ކޯރު ތަކެއްވެސް ނޫނެވެ. އެ ކޯރު ތަކުގެ އެންމެ ފުން ދިމާތަކުގައި މީޓަރެއްހާ ފުންމިން ހުރިއިރު، އާއްމުކޮށް ފުންމިން ހުންނަނީ ދިގު މީހެއްގެ އިސްކޮޅު ޖެހޭ ވަރަށެވެ. މިތަން މަޝްހޫރު ވެފައިވަނީ ދުނިޔޭގެ އެންމެ ރީތި އެއް ތަނުގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

7 Responses

  1. މާލޭގެ ކޮންކްރީޓް ގަންޖައްޔާ ވެހިކަލްތަކުން ފުރިބާރުވެ ނޭވާލާން އުދަގޫ މަގުތަކާ ދުރުވެލާގެން އެންމެ ސުކުންތަކު ހުރެލަން ވިޔަކަސް މިވިލެޖަށް ނިކަން ދާހިތްވެއްޖެ

  2. އެރަށު އުޅޭ މީހުންނަށް އަބަދުވެސް ހީވާނީ ދަތުރުގޮސް އުޅޭހެންދޯ. ސަޅި

  3. އަރާމުކޮށްލަން ޖައްސާލާހިތްވެއްޖެ. އެކަމަކު ތަންކޮޅެއް ދުރީ ވިއްޔަދޯ

  4. ބުނަން. ހަމަ މުޅިންހެން ތަފާތު ދިރިއުޅުމެއް. މީހަކާ އިންނަނވީ ތިޔަތަނުން

  5. މި ވިލެޖަކީ ދިވެހިރާއްޖޭގެ ވެރިރަށުގެ އިދިކޮޅު ބަލާލަން ބޭނުން މީހަކަށް ރަނގަޅު ތަނެއް. މާލެ ތަޅާލާފާ މިހެން ހަދަންވީ

  6. ބާޒާރު ކޮށްގެން ދެން ކިހިނެތް ގެއަށްދަނީ ކޮތަޅުބޮޑިތައް ހިފައިގެން. ޑިންގީގަތަ. ކަމަކުނުދޭ އަދި ތިޔަރަށެއް ދިރިއުޅޭކަށް. އެހެނެއްނޫން ޓޫރިސްޓުން ޖައްސާލަން ރަނގަޅު

  7. މިކަހަލަ ލިޔުންގިނަ ކޮށްލަދީބަލާށޭ. މިރާއްޖޭގެ ސިޔާސީ މީހުންގެ ހަބަރުތައް ކީއްކުރަންތަ އިރުއިރުކޮޅުން ތިޔަ އަރުވަނީކީ ކަލޭމެންވެސް

Leave a Reply

Your email address will not be published. Required fields are marked *