ޑެންގީ އާއި ޗިކުންގުންޔާ ފަދަ ގައިންގަޔަށް އަރާ ބަލިތައް މި ދުވަސްވަރު އިތުރުވަމުން އަންނާތީ އީދު ބަންދުގައި އެކަންކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެ އިދާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ޑެންގީ، ޗިކުންގުންޔާ އާއި ބޭރަށް ހިންގުން އަދި އިންފްލުއެންޒާ ފަދަ އަރިދަފުސް ރޯގާތައް އިތުރުވަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އެފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަ ކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ.
ކޮވިޑް19އާއި އިންފުލުއެންޒާ ފަދަ އަރިދަފުސް ރޯގާ ތަކުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތައް:
-އަރިދަފުސް ރޯގާޖެހި ރަނގަޅުނުވެ ދިގުލައިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
-އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުންނަ އިރު އަނގައާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކް އެޅުން
-ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުން ކޮށްގެން އަތް ސާފުކުރުން
-ބަލި ޖެހުމުން، ނުރައްކަލުގެ ފުރުސަތު ބޮޑު މީހުން އިންފުލެއެންޒާ އަދި ކޮވިޑް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުން
-ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާއާއެކު ވީހާވެސް މަދުމީހުން ދިއުން، އަދި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުން އަދި ކޮންމެހެން – ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުނީ ހޮސްޕިޓަލަށް ނުދިއުން
ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތައް:
-ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އޮތްދޮވުން
-ފާހާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން އަތްދޮވުން
-ކާބޯތަކެތި ރަނގަޅަަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން
-ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން
-ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނެހެން ރައްކާކުރުން
-ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން
-ތަނުގައި އުފެދޭ ކުނި ރައްކާކުރުމުގައި އެކަށީގެންވާ ސައިޒުގެ މަތިޖެހޭ ޑަސްބިނެއް ބޭނުން ކުރުމާއި ވީހާވެސް އަވަހަށް ކުނި އުކާލުން
-ބޭރަށް ހިންގުމުގެ އަލާމަތެއް ފެނިއްޖެނަމަ ކުދިން ސްކޫލަށް ނުގެންދިއުން
ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެނަމަ:
-ގިނިގިނައިން ލޮނުޕެކެޓް (އޯއާރްއެސް)، ފެން އަދި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރިދިނުން ކުރިއަށް ގެންދިޔުން
-ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ހިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވުން، ކުޑަކަމުދޭމިންވަރު މަދުވުން، ގިނަގިނައިން ހޮޑުލެވުން އަދި ލެވޭހޮޑުގައި ލޭގެ އަސަރު ހުރުން، – ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
-ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ 2 ދުވަސް ވަންދެން، މަސައްކަތައް ނިނުކުމެ ގޭގައި އަރާމު ކުރުން
-އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރުން
ޑެންގީ އަދި ޗިކުންގުންޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި:
-މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕްލެންޓް ބޭނުން ކުރުން
-ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން، މިއީ މަދިރި އެންމެ ގިނަ ވަގުތު
-ހުސް ފުޅި/ދަޅު ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން، މިފަދަ ތަކެތީގައި ފެން ހަރުލުމުން ޑެންގީ ފަތުރާ މަދިރި އާލާވުމަށް މަގުފަހިވޭ
ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ:
-އަރާމު ކުރުން، މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރެމުންވެސް ރައްކާތެރި ކޮށްދެއެވެ
-ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން، ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނުޕެކްޓް، ސޫޕް ފަތަ ތަކެތި ހިމެނެއެވެ
-ހުން މަޑު ކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސުމަށް ޕްރެސްޓްމޯލް ބޭނުން ކުރެވިދާނެއެވެ. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ – މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.