ކުރީގެ ސަރުކާރުން ހެދި ބައެއް އެއްބަސްވުން ތަކުގެ މައްސަލަ މަޖިލީހުން ބަލަން ނިންމައިފި

ކުރީގެ ސަރުކާރުން ހެދި ބައެއް އެއްބަސްވުން ތަކުގެ މައްސަލަ މަޖިލީހުން ބަލަން ނިންމައިފި

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ފަދަ ގޮތަކަށް މިދިޔަ ސަރުކާރުން ކޮށްފައިވާ ކަމެއް އޮތްނަމަ، އެ ކަންތަކާބެހޭ ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސް ކޮށްފިއެވެ.

މިދިޔަ ސަރުކާރުން، 2018 ވަނަ އަހަރުން ފެށިގެން 2023 ވަަނަ އަހަަރަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް ނުރަނގަޅު އަސަރު ކުރާގޮތަށް ސަރުކާރާއި އެކި އެކި އިދާރާ ތަކުގެ އިސް ވެރިން އަމަލު ކޮށްފައިވާ ކަމަށް ވިދާޅުވެ އެކަންތައް ބެލުމަށް ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާންއެވެ.

އަޒާންގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއެވެ.

ގާސިމް ވިދާޅުވީ، ކޮންމެ ސައުކާރެއް އައިސް ނިމިގެން ދިޔުމުން ކަންތައް ނިމުނީ ކަމަށް ބަލަމުން އަންނަ ގޮތް ބަދަލު ކުރަންޖެހޭ ކަމަށެވެ.

"ކޮންމެ ސައުކާރެއް އައިސް ނިމިގެން ދިޔައިމަ އެ ސަރުކާރެއް ނިމުނީ ކަމަށް ހަދާއިފައި، ހުރިހާ ކަމެއް ދައުލަތުން އޮޅާލައިފަ، މާލިއްޔަތުވެސް އިގްތިސާދުވެސް އަދި އިޖްތިމާއީ އަދާލަތުވެސް ހުރިހާ އެއްޗެއް ދުއްވާލާފަ ދިޔައިމަ ތާކުންތާކު ނުޖެހޭނެ، އެހެންވީމާ 241 ކޮމިޓީއެއް އޮވެ މެންއިންޓޭޑް ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކޮށްފަ އޮވެ، އެކަންކަން ނުބެލި ދާދިއުން ނިމުމަކަށް ގެނެވޭތޯ މަސައްކަތް ކުރަންޖެހޭ،" ގާސިމް ވިދާޅުވިއެވެ.

އިންކުއަރީގެ ތެެރެއިން ބެލުމަށް އަޒާން ފާހަގަ ކުރެއްވި ބައެއް މައްސަލަތައް:

1- ރާއްޖެ އާއި އިންޑިޔާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއި ނުކުރުމަށް ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެންޑީއެފްއިން އެދުމަށް ފަހު، މިދިޔަ ވެރިކަމުގައި އެ އެއްބަސްވުމުގައި ސޮއި ކުރިއިރު އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް.

2- އުތުރު ތިލަފަޅުގައި ބިނާ ކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމުގެ މައްސަލަ

3- ޑޯނިއާ އެއްބަސްވުމަށް ވާސިލުވި ގޮތް

މީގެއިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްވެސް ވަނީ މައްސަލައެއް ބެލުމަށް ހުށަހަޅުއްވައިފައެވެ. އޭނާ ހުށަހެޅުއްވީ ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން އަމަލު ކޮށްފައިވާ ގޮތެވެ.

މި ކަންތައްތަކާބެހޭ އިންކުއަރީގެ ކުރިއަށް ގެންދިއުމުގެ ކަންތައްތައް ރާވައި ހިންގުމަށް 241 ކޮމިޓީގެ ސަބް ކޮމިޓީއެއް ވެސް ވަނީ ފާސް ކޮށްފައެވެ.

– ސަބްކޮމިޓީގައި ހިމެނޭ މެންބަރުން:

1- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު

2- ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް

3- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

4- ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *