ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށަފަހު، އަވައްޓެރި ގައުމުތަކުގެ ވެރިންނާއެކު މޯދީ ނެންގެވި ފޮޓޯ

މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިޔާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާ ކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު، ރައީސް މުއިއްޒު ވަނީ އިންޑިޔާގެ ބޮޑުވަޒީރާއި އަދި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ރަސްމިއްޔާތުގައި އިންޑިޔާގެ ބޮޑުވަޒީރުގެ މަގާމުގެ ހުވާ މޯދީއަށް ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ. އެ ރަސްމިއްޔާތުގައި އިންޑިޔާގެ އަވަށްޓެރި ގައުމު ތަކުގެ އިސްވެރިން ހިމެނޭހެން އެކި ގައުމުތަކުގެ އެތައް ހާސް އިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިޔާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި މޯދީ ހުވާ ކުރެއްވިއިރު، ކެބިނެޓްވެސް ވަނީ އެކުލަވާލައްވައިފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އިންޑިޔާގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށްފަހު ތިން ވަނަ ދައުރަކަށް އެ ގައުމުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރެވެ.

ބީޖޭޕީއަށް މިފަހަރު އާންމު އިންތިޚާބުގައި ސަރުކާރު އެކުލަވައިލެވޭ ވަރަށް ގޮނޑި ކާމިޔާބު ކުރެވިފައިނުވެއެވެ. އެހެންވެ މޯދީއަށް ޖެހިވަޑައިގަތީ ބީޖޭޕީއާއެކު މަސައްކަތް ކުރި 15 ޕާޓީގެ ބައިވެރިވުމާއެކު ކޯލިޝަން ސަރުކާރެއް އެކުލަވާލައި، ކޯލިޝަނަކަށް ބަރޯސާވެގެން ވެރިކަން ކުރައްވާށެވެ.

މޯދީގެ ކޯލިޝަން ނުވަތަ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ގައި ހިމެނޭ ބޮޑެތި ޕާޓީ ތަކުން ސަރުކާރު އެކުލަވާލުމުގައި މޯދީއަށް ބޮޑެތި ޑިމާންޑް ތަކެއް ކުރި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޓައިމްސް އޮފް އިންޑިޔާ އިން ބުނި ގޮތުގައި މޯދީ ވަނީ ސަރުކާރު އެކުލަވާލުމުގެ ބޭނުމަށް އެހެން ޕާޓީ ތަކުގެ އެދުމަށް އެތައް ކަމެއްގައި ދޫދެއްވައިފައެވެ.

އެންޑީއޭގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޓެލްގޫ ދެސަމް ޕާޓީ (ޓީޑީޕީ) އިން 16 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، ކެބިނެޓުން އެ ޕާޓީއަށް ހަތަރު މަގާމު ދޭން ޖެހިފައިވެއެވެ. ދެން 12 ގޮނޑިއާއެކު ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ލިބުނު ޖަނަތާ ދަލް (ޔުނައިޓެޑް) އިން ވަނީ ކެބިނެޓުން ދެ މަގާމު ދިނުމަށް އެދިފައެވެ.

 

އެކަމަކު އެންމެ ބާރުގަދަ ހަތަރު މަގާމު ކަމަށްވާ އިންޓީރިއާ، ފޮރިން، ފިނޭންސް އަދި ޑިފެންސް މިިނިސްޓްރީ ބީޖޭޕީއަށް ނޫނީ ނުދޭން ކަނޑައަޅާފައިވާ ކަމަށް އިންޑިޔާގެ މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *