އީދު ދުވަހަކީ އާދީއްތަ ދުވަސް
މި އަހަރުގެ ހައްޖު މަހުގެ 1 ވަނަ ދުވަހަކީ މާދަމާ (ހުކުރު ދުވަސް) ކަމުގައި ސައުދީ އަރަބިއްޔާއިން މިރޭ ނިންމައިފި ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދު މިރޭ ކަށަވަރު ކޮށްދެއްވައިފިއެވެ.
ޝަހީމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، ރާއްޖޭގައިވެސް މިއަހަރުގެ ހައްޖު މަހުގެ 1 ވަނަ ދުވަހަކީ މާދަމާ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އަރަފާތު ދުވަހަކީ ޖޫން 15 ވާ ހޮނިހިރު ދުވަސް ކަމަށާއި އަޟްޙާ އީދު ދުވަހަކީ ޖޫން މަހުގެ 16 ވާ އާދިއްތަ ދުވަސް ކަމުގައިވެސް ސައުދީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކަލަންޑަރުގައި ކުރިން ހިމަނާފައިވާ ގޮތުން މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މިއަންނަ ހޮނިހިރު ދުވަހެވެ. އަދި އަރަފާތު ދުވަހަކީ މިމަހުގެ 16 ވަނަ ދުވަހެވެ.