ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަޖިލިސް އިދާރާ

ރުހުން ނުދިން 3 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސް ކޮށްފި

ރުހުން ނުދިން 3 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސް ކޮށްފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާރނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސް ކޮށްފިއެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ ތިން މިނިސްޓަރުންނަށް ރުހުން ދިނުމަށް ފާސް ކުރީ ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ކޮމިޓީގައި 11 މެންބަރަކު ހިމެނިވަޑައިގަންނަވާއިރު، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ 9 މެންބަރުންނެވެ. 9 މެންބަރުންގެ ތެރެއިން، އެ ތިން މިނިސްޓަރުންނަށް ރުހުން ނުދޭން ނުފެންނަ ކަމަށް ވޯޓު ދީފައި ވަނީ އެންމެ މެންބަރެކެވެ.

ކޮމިޓީގެ މުގައްރިރު ވޯޓު ދިން ގޮތް ތަފުސީލު ކޮށްދެއްވާފައެއް ނުވެއެވެ. ކޮމިޓީން އެ ތިން މެންބަރުންނަށް ރުހުން ދިނުމަށް ފާސް ކުރުމުން، ދެން އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.

ތިން މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައި ވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެ ތިން މިނިސްޓަރުންނަކީ މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން މިނިސްޓަރުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ނުލިބުނު ނަމަވެސް، އެ ތިން މެންބަރުން އަލުން ހަމަ އެބޭފުޅުން ތިއްބެވި މަގާމު ތަކަށް އައްޔަން ކުރައްވައިފައެވެ.

އެއަށްފަހު އެބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯއްދެވުމުގެ މައްސަލަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، އެކަމަށްޓަކައި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ ވަނީ އެ މައްސަލަ ދިރާސާކުރެއްވުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާލުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *