ޕާކިސްތާނަށް ތޯހާ، ތުރުކީއަށް އަބްރުއްރަހީމް އައްޔަން ކުރަން ފޮނުވައިފި

ޕާކިސްތާނަށް ތޯހާ، ތުރުކީއަށް އަބްރުއްރަހީމް އައްޔަން ކުރަން ފޮނުވައިފި

ރާއްޖޭން ތުރުކީއަށް ކަނޑައަޅާ ފުރަތަމަ ސަފީރު ކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، ގ. ކަނޑިތޮޅިއާގެ އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ނ. ހޮޅުދޫ، އުފަންވެލި މުހައްމަދު ތޯހާ، އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިކަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި ގުޅިގެން އިތުރަށް އެކަން ދިރާސާ ކުރުމަށް މިއަދު ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީއަށްވެސް ފޮނުވާފައެވެ.

އަބްދުއްރަހީމް މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ސިފައިންގެ ޚިދުމަތުގައި 39 އަހަރުގެ ހޭދަ ކުރެއްވުމަށް ފަހު، 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އެޕްރީލް 18، ގައެވެ.

އަބްދުއްރަހީމަކީ ސްރީލަންކާގެ ޑިފެންސް ސާވިސަސް އެންޑް ކޮމާންޑް ކޮލެޖުންވެސް ގްރެޖުއޭޓް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިޔާ ޕެސިފިކް ސެންޓާ ފޯރ ސެކިއުރިޓީ ސްޓަޑީސް އިން ވެސް ތަމްރީނު ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.

ޕާކިސްތާނުގައި ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވި ތޯހާއަކީ ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވައިގެން މިދިޔަ މެއި މަހު މަޖިލީހުން ރުހުން ދެއްވާފައިވާ ބޭފުޅެކެވެ. ނަަމަވެސް މިފަހަރު މަޖިލީހަށް ފޮނުވާފައި ވަނީ ސައޫދީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ ބަދަލުގައި ޕާކިސްތާނަށް އައްޔަން ކުރެއްވުމަށެވެ.

މުހައްމަދު ތޯހާ އަކީ މަދީނާ އިސްލާމިކް ޔުނިވަސިޓީ ފެކަލްޓީ އޮފް ޝަރީއާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޤާނޫނީ ދާއިރާއިން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާރސިޓީ އިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތޯހާ މިހާރު ގެންދަވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ޕީއެޗްޑީ ހައްދަވަމުންނެވެ.

މި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު، މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުން ތަކުގެ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *