ކުރީގެ ސަރުކާރުން ދިން ގޯތިތައް 3 މަސް ތެރޭގައި ހަވާލު ކުރަން ފާސްކުރި ބިލު ބާތިލު ކޮށްފި

ކުރީގެ ސަރުކާރުން ދިން ގޯތިތައް 3 މަސް ތެރޭގައި ހަވާލު ކުރަން ފާސްކުރި ބިލު ބާތިލު ކޮށްފި

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބުނު ފަރާތް ތަކަށް ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލު ކުރުމަށް ލާޒިމްކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ފޮނުވި ބިލު މިއަދު ބާތިލު ކޮށްފިއެވެ.

ބިމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމު މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގައި ބުނަނީ، މި ޤާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތް ތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު، ރަޖިސްޓްރީ ހަވާލު ނުކޮށްވާ ގޯތި ތަކުގެ ރަޖިސްޓްރީ މި ޤާނޫނަށް އަމުލު ކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާއި، އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެ ކަމަށެވެ.

އެމްޑީޕީ މެޖޯރިޓީ އޮތް އެ މަޖިލީހުން މި ބިލް ފާސް ކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ގައެވެ. އަދި މިއަދާ ހަމައަށް އޮތީ އެބިލް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފައެވެ. ނަމަވެސް އެ ބިލު ތަސްދީގު ކުރެއްވުމުގެ ބަދަލުގައި ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވައި އެ ބިލާ މެދު އަލުން ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިފައެވެ.

އެކަމާ ބެހޭގޮތުން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވައިދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއެވެ.

އެސިޓީފުޅުގައި ރައީސް ވިދާޅުވެފައި ވަނީ، މި ބިލަކީ ގޯތިތައް ހަވާލު ކުރުން އަވަސް ކުރުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެއް ނަމަވެސް، ގޯތި ލިބުނު ކަމަށް ލިސްޓް ކުރެވިފައިވާ ފަރާތް ތަކަށް ގޯތިތައް ހަވާލުކޮށް، ގޯތީގެ ރަޖިސްޓްރީ ހަދައިދީފައި ނުވަނީ، ގޯތިތައް ކަނޑައެޅުމުގައި އަމަލު ކޮށްފައިވާ ގޮތުގެ މައްސަލަ ތަކެއް ހުރުމުންނާއި ހިއްކާފައިނުވާ ސަރަހައްދު ތަކުން ބަންޑާރަ ގޯތި ދޫކޮށްފައި ވާތީ ކަމަށެވެ.

އޭގެއިތުރުން ކަމާބެހޭ ޤާނޫނާއި ކަމާބެހޭ ޤަވާއިދު ތަކުން، ނުހިއްކާ އޮތް ފަޅަކުން ގޯތި ދިނުމަކީ ބިމާބެހޭ ޤާނޫނު ތަސައްވުރު ކޮށްފައިވާ ކަމެއްކަމާމެދު ސުވާލު އުފެދޭތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެއިތުރުން މިހާރު އޮތް ބިމާބެހޭ ޤާނޫނު އުވާލެވޭ ގޮތަށް މާ ފުރިހަމަ ބިލެއް ބިމުގެ ބިލުގެ ނަމުގައި މި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، އެބިލް އިސްލާހު ކުރުމަކީ މި ބިލުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލްވާނެ ކަމަކަށް ފެނިވަޑައި ނުގަންނަވާ ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެން ކަމުން މި ބިލާމެދު އިތުރަށް ވިސްނެވުމަށް އެ ސީޓީފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ ކިބައިން އެދިވަޑައިގެންފައެވެ. މި މައްސަލައަށް މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ސަރުކާރަށް ނިސްބަތްވާ ހުރިހާ މެންބަރުންވެސް ވިދާޅުވީ، މިއީ މިހާރުން މިހާރަށް މަޖިލީހުން ބޭރުކުރަންޖެހޭ އަދި ބާތިލް ކުރަންޖެހޭ ޤާނޫނެއް ކަމަށެވެ.

ނަމަވެސް މި ބިލް ހުށަހެޅުއްވި މެންބަރު މީކާއީލް ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން މި މައްސަލައަށް ވީހާވެސް އަވަސް ހައްލެއް ގެނައުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން މި ބިލް އިތުރަށް އިސްލާހު ކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވުމަށް މީކާއީލް ހުށަހެޅުއްވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އިޚުލާސްތެރިކަން ހުރިނަމަ، އެ ބިލް ކޮމިޓީއަށް ފޮނުވައިގެން ސަރުކާރު ބޭނުންވާ ބަދަލުތައް ބިލަށް ގެނެވިދާނެ ކަމަށެވެ. މީކާއީލްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ.

ނަމަވެސް އެ ހުށަހެޅުމަށް ނެގި ވޯޓުގައި، މަޖިލިސް ތަޅުމުގައި އެވަގުތު ޖަލްސާގައި ތިއްބެވި 89 މެންބަރުންގެ ތެރެއިން ބިލް ކޮމިޓީއަށް ފޮނުވަން ވޯޓު ދިނީ ހަމައެކަނި އެމްޑީޕީގެ 12 މެންބަރުންނެވެ. ބިލް ކޮމިޓީއަށް ނުފޮނުވަން 75 މެންބަރުން ވޯޓު ދެއްވިއެވެ. ދެން ރިޔާސަތުން ވޯޓަށް އެއްސެވީ އެއްވެސް ބަދަލެއް ނުގެނެސް އެބިލް އޮތް ގޮތަށް ފާސް ކުރުމަށް ފެނޭތޯއެވެ. މިއީ ރިޔާތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.

އެ ވޯޓުގައިވެސް ބިލް ފާސް ކުރަން ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 90 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 12 މެންބަރުންނެވެ. ނަމަވެސް އެބިލް ބޭރުކޮށްލަން ޕީއެންސީއަށް ނިސްބަތްވާ 76 މެންބަރުން ވޯޓު ދެއްވިއެވެ. އެގޮތަށް ފާސް ނުވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީިމް އަބުދުﷲ ވިދާޅުވީ މިހާ ހިސާބުން ބިލް ބާތިލްވީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *