އައްޑޫއަށް ސާފު ފެން ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

އައްޑޫއަށް ސާފު ފެން ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

އައްޑޫ ސިޓީއަށް ސާފު ފެން ނުލިބޭ މައްސަލަ ވަގުތުން ވަގުތައް ހައްލު ކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި މި މައްސަލަ މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 86 މެންބަރުންގެ ތެރެއިން 83 މެންބަރުން ވޯޓު ދެެއްވައިގެންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ބޭނުން ވަނީ 42 މެންބަރުންގެ ވޯޓެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ނާޒިލް ވިދާޅުވީ، ފެނަކައިން ފޯރުކޮށްދޭ ސާފު ފެން، އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫ އާއި މަރަދޫ ފޭދޫ އާއި ފޭދޫ ރައްޔިތުންނަށް މިދިޔަ އޭޕްރީލް މަހުން ފެށިގެން ލިބެމުން ނުދާ ކަމަށެވެ.

އެކަމުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ބުރޫ އަރައި، އެތައް ތަކުލީފު ތަކެއް އުފުލަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ފެނަކައަށް ނުކުޅެދިފައިވާއިރު، އެކަމުގައި ޒިންމާވާ ފަރާތެއް ނޭނގޭތީ އިތުރު ދަތި ތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން އެ މައްސަލައަށް ހައްލު ހޯދައިދީ، އެ ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގު ކަމަށްވާ ސާފު ފެން ފޯރުކޮށް ދިނުމަށް ދިމާވެފައިވާ މައްސަލަ ވަގުތުން ވަގުތަށް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަަމަށް ކުއްްލި މައްސަލައިގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *