ރުހުން ނުދިން ތިން ވަޒީރުންގެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވައިފި

ރުހުން ނުދިން ތިން ވަޒީރުންގެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވައިފި

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާރނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް އަލުން ފޮނުވައިފިއެވެ.

މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން މި ތިން ބޭފުޅުނަށް ރުހުން ނުދިން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތިން މެންބަރުން އަލުން ހަމަ އެބޭފުޅުން ތިއްބެވި މަގާމު ތަކަށް އައްޔަން ކުރައްވައިފައެވެ.

އެއަށްފަހު އެބޭފުޅުނަށް މަޖިލީހުގެ ރުހުން ހޯއްދެވުމުގެ މައްސަލަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، މަޖިލިސް ރައީސް އަބްދުއްރަޙީމް ވަނީ އެ މައްސަލަ ދިރާސާ ކުރެއްވުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.

ދެން އެބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލިސް ތަޅުމުގައި ވޯޓަށް އަހާނީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *