ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެންބަރުކަން ލިބުމުން ރައީސްގެ މަރުހަބާ

ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެންބަރުކަން ލިބުމުން ރައީސްގެ މަރުހަބާ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިއްޔެ މި ނިންމުން ނިންމާފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 77 ވަނަ ބައްދަލުވުމުގައެވެ.

ޑަބްލިޔުއެޗްއޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމުގެ ގަރާރު ފާސްކޮށްފައިވަނީ 101 ގައުމުގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ފަސް ގައުމަކުން ވޯޓުދިން އިރު، 21 ގައުމަކުން އެއްވެސް ކޮޅަކަަށް ވޯޓު ދީފައެއް ނުވެއެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ޑަބްލިޔުއެޗްއޯގައި ފަލަސްތީނުގެ ދައުރު އިތުރުކޮށް، އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ ގަރާރަށް (ޑަބްލިޔުއެޗްއޯގެ ފުރިހަމަ މެމްބަރުކަން ދިނުމުގެ ގަރާރަށް) ވޯޓު ދިން 101 ގައުމުގެ ތެރެއިން ގައުމެއް ކަމަށެވެ. އަދި އެއީ ފަލަސްތީނުގެ ފުރިހަމަ ދައުލަތަށް ބައިނަލްއަގުވާމީ ތާއީދު އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ ގަރާރަށް ރާއްޖެއިން ތާއީދުކުރަން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި އޮތް ހައްގަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަން އެ ގައުމަށް ލިބުމަށް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކުރާތީ ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ދެމެހެއްޓެނިވި ސުލްހައަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު ވުމުން، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްތީނަށްވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގައި ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބަޖެޓު ލިބުމާއި ވޯޓުލުމުގެ ހައްގު ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *