މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކު މަރައިލި މައްސަލައިގައި ދައުވާ ކުރާ، އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން، އޭނާ ބަންދުން ދޫވެފައި ވަނިކޮށް އަލުން އޭނާ ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓަށް ފޮނުވި މައްސަލައިގައި ސައްމާހު ބަންދު ނުކުރަށް މިފަހަރުވެސް ހައިކޯޓުން ހުކުމް ކޮށްފިޮއެވެ.
މި މައްސަލައަކީ ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރި ދައުވާގެ މައްސަލައެކެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި މަގްބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ކުރި ހުކުމްގައި ވަނީ މޫސައަށް ހަމަލާ ދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށެވެ. އޭނާވެސް އެ ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށް ބުނެ، ފަހުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެން ކަމުން އެ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލުމުން އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.
ދައުލަތުން ހުށަހެޅި ވީޑިޔޯ ފުޓޭޖް ތަކުން، ސައްމާހު އޭނާއަށް ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަމަށް ބާރު ދޭ އެހެން ހެކިތަކެއް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ. އެ ސަރަހައްދުގައި އެވަގުތު ސައްމާހު ނުހުންނާނެ ކަމަށް އޭނާގެ ދިފާއީ ހެކިން ބުނާތީ އެ ވީޑިއޯއިން ފެންނަނީ އޭނާ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ހުކުމުގައިވެއެވެ.
މީގެއިތުރުން އެ މައްސަލައިގައި ނެގި އެއްވެސް ފޮރެންސިކް އެވިޑެންސަކުން ވެސް އެ ހާދިސާއާ ސަައްމާހުއާ ގުޅުވައިލެވޭނެ ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ. އެހެން ކަމުން، މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ކުރެއްވި ހުކުމުގައި ވަނީ ސައްމާހުގެ މައްޗަށް، ދައުލަތުން ކުރި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ. އަދި މަގްބޫލު ސަބަބެއްނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ހުކުމް ކުރިއެވެ.
އޭރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން އޭނާ މިނިވަންވެ ދޫވިއެވެ. ކުރިމިނަލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަ ނުޖެހިގެން، އެއީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ދެކޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
އިސްތިއުނާފާއެކު ސައްމާހު ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކުރި ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި ސައްމާހު އަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ބުނެ އެ އިސްތިއުނާފީ މައްސަލަ ބަލައި ގޮތެއް ނިމެންދެން ސައްމާހު ބަންދުކޮށްދިމުގެ އަމުރެއް ނެރެދުނުމަށްވެސް ޕީޖީގެ ފަރާތުން ކޯޓުގައި އެދުނެވެ. ނަމަވެސް އެ ފަަހަރުވެސް އޭނާ ބަންދު ކުރުގެ އަމުރުގެ މައްސަލައިގައި 28 މާޗްގައި ހައިކޯޓުން ނިންމާފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.
ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ ހިލާފް ނިންމުމެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ އަމުރުގެ މައްސަލަަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. މި މައްސަލައިގައި މިމަހު ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވަނީ، ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ކައިކޯޓުން ނިންމާފައި ވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާން ވެގެންވާ ކަންކަމަށް ރިއާޔަތް ކޮށްގެން ކަމުގައި ނުވާތީ ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން އެ ނިންމުން ބާތިލް ކަމަށް ނިންމާ ކަމަށެވެ.
އަދި މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސައްމާހުއަކީ، އޭނާގެ މައްޗަށް ހައިކޯޓުގައި ހިންގަމުންގެންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހައިކޯޓުން ކަނޑައަޅަންދެން، ސައްމާހު ރިމާންޑް ޖަލެއްގައި ބަންދު ކުރަން އަމުރު ކުރާ ކަމަށްވެސް ހުކުމްގައިވެއެވެ.
ސުޕްރީް ކޯޓުގެ އެ ނިންމުމާގުޅިގެން ހައިކޯޓުން މައްސަލަ ބެލުމަށްފަހު އިއްޔެ ކުރި ހުކުމްގައިވެސް ވަނީ، އެ ހޯޓުގައި ކުރިއަށްދާ އިސްތިއުނާފް ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ިުރަންޖެހޭ ގާނޫނީ ސަބަބެް ނެތްކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުގެ އަގުލަބިއްޔަތުން ކަނޑައަޅާ ކަމަށެވެ.
މި މައްސަލައިގައި ރައުޔު ތަފާތުވި، ފަޏޑިޔާރު ފާތިމަތު ފަރްހީޒާގެ ރައުޔުގައި ވަނީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގަިއ ބެހެޓުމަށް އަމުރުކުރަން ފެނިވަޑައިގަންނނާނެ ކަމަށެވެ.
އޭނާ ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައެޅީ، ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންގެ ރައުޔުންނެވެ.