އަނބިމީހާއާ އެއްބަނޑު އެއްބަފާ ދައްތަ (ފަހަރި) އެއްގެ ދަރިއަކަށް، އެކުއްޖާގެ އުމުރުން 12 އަހަރުން ފެށިގެން އެކި ފަހަރު މަތިން ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލްކޮށް، އޭނާ ބަންދު ކުރުމަށް އެދި 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓާރ ޖެެނެރަލް އޮފީހަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
އެ ކުއްޖާއަށް ޖިންސީގޯނާ ކުރި މައްސަަލައާއި ގުޅިގެން އަބްދުﷲ ލަތީފް ކިޔާ މި މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ހުސްވި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގައެވެ.
އެއަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލު ތަކަކަށް އަމަލު ކުރުމުގެ ޤާނޫނުގެ ދަށުން 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމުގެ އަމުރަކަށް އެދި ދައުލަތުން ހުށަހެޅި މައްސަލައިގައި އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ދަށު ކޯޓުން އަމުރު ކުރިއެވެ.
އެގޮތުން އަބްދުﷲ ލަތީފް އެންމެ ފަހުން ބަންދު ކުރަން ނެރުނު އަމުރުގައި، ބަންދު ކުރި ސަބަބު ކަމަށް ބަޔާން ކޮށްފައި ވަނީ، މި މައްސަލައާއި ގުޅިގެން ޝަކުވާ ކުރި ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާ ކަންތައްތަކާއި، މައްސަލައާއި ގުޅޭ ހެކިންގެ ބަޔާނުގައި ހުރި ކަންކަމުގެ އިތުރުން ފުލުހުންގެ މޮބައިލް ފޮރެންސިކް ރިޕޯޓާއި، ޝަކުވާ ކުރި ކުއްޖާގެ އިޖުތިމާޢީ ހާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯޓަށް ރިއާޔަތްކުރާއިރު ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރިނާ ލިބިފައިވުމެވެ.
މި މައްސަލައިގައި ލިބެން ހުރި ހެކި ތަކަކީ އެމީހާގެ ބާރު ފޯރުވޭނެ ހެކިތައް ކަމަށް ބެލެވޭތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުމާއ،ި ހެކި ބަސް ދޭން ހުރި ފަރާތް ތަކަށް ނުފޫޒު ފޯރުވާނެކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އެފަހަރުގެ ބަންދުގެ މުއްދަތު ހަމަވާތީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ 25 ގައި ދަށު ކޯޓުން އަމުރުު ކުރީ އޭނާ ދޫކޮށްލުމަށެވެ.
ސަބަބެއް ކަމަށް ކޯޓުން ބުނެފައި ވަނީ، އަބްދުالله ލަތީފަކީ ނަފްސާނީ މައްސަލަތައް ދިމާވެފައިވާ މީހުން ބޭނުން ކުރާ ބޭހެއް ބޭނުންކުރާ ފަރާތެއް ކަމަށްވުމާއި، މީގެކުރިން އޭނާއަކީ ޖިނާއީ މައްސަލައެއްގައި ހައްޔަރުކޮށް ތަހްގީގުކޮށް، އެއްވެސް ޖިނާއީ މައްސަލައެއް ޝަރުއީ އެއްވެސް ކޯޓަކަށް ހުށަހެޅި ސާބިތު ވެފައިވާ މީހެއް ކަމަށް ނުވުމާއި، އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށް ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެފައިވީނަމަވެސް، އެއްބާރުލުން ނުލިބުނީ ކިހިނެތްކަން ފުލުހުންނަށް ބުނެދެވިފައި ނުވުމެވެ.
ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ނުބަހައްޓައިފިނަމަ، އޭނާ އިތުރު ކުށެއް ކޮށްފާނެކަން ނުވަތަ ހެއްކަށް ނުފޫޒު ފޯރުވައިފާނެކަން ދައުލަތުން ބުނާ ބުނުމުގެ ބުރަދަން ނެތުމާއި، މައްސަލައާއި ގުޅުން ހުރި އެހެނިހެން ހެއްކާއި ގާރީނާގެ ހާލަތަށް ބަލާއިރު އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާ ކުރުމަށް ހުށަހަޅާފައިވުމުން މައްސަލައާގުޅުންހުރި ހެކި ނައްތާލުމުގެ އިހްތިމާލް ނެތުންވެސް ސަބަބެއްގެ ގޮތުގައި ދަށު ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
ދަށު ކޯޓުގެ މި ނިންމުމާއި ގުޅިގެން ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. މައްސަލަ ހައިކޯޓުން ބެލުމަށް ފަހު، ކުރި ހުކުމުގައި ވަނީ، އަބްދުﷲ ލަތީފް ދޫކޮށްލަން 24 އޭޕްރީލް ގައި ދަށު ކޯޓުން ނެރުނު ކޯޓު އަމުރަކީ ބާތިލް އަމުރެއްކަމަށް ކަނޑައަޅާ ކަމަށެވެ.
އަދި ޝަރީއަތް ނިމެންދެން އަބްދުﷲ ލަތީފް ބަންދު ކުރުމަށް އެދި 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓާރ ޖެެނެރަލް އޮފީހަށް ހައިކޯޓުން އަމުރު ކޮށްފައިވެސް ވެއެވެ. ހައިކޯޓުން މި މައްސަލަ ނިންމި ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަބްދުﷲ ލަތީފް އަކީ އޭނާގެ މައްޗަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި ދަށު ކޯޓުން ކަނޑައަޅަންދެން، އޭނާ ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.