މިއަދު މަސައްކަތް ފެށި، 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޤަވާއިދުގެ މަސްއޫލިއްޔަތު މަޖިލީހުގެ އާއްމު ކޮމިޓީއާ ހަވާލުކޮށް 26 ޖޫން ވާ ބުދަ ދުވަހުގެ ނިޔަލަށް ޤަވާއިދު އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މަޖިލީހުން ފާސް ކޮށްފިއެވެ.
އެ ޤަވާއިދު ހެދެން ދެން މީގެކުރިން އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އަމަލު ކުރުމަށްވެސް މަޖިލީހުން މިއަދު ފާސް ކުރިއެވެ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ދެވަނަ ދަންފަޅީގައި ރިޔާސަތަށް ވަޑައިގެން މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވީ، ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލަންޖެހޭ އެ މަޖިލިސް ހިންގުމުގެ ޤަވާއިދާބެހޭ ގޮތުން، ގޮތެއް ނިންމުމުގެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި މަޖިލިސް ތަޅުމަށް ހުށަހަޅުއްވާ ކަމަށެވެ. އަދި މިއަދު އުފެދުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ޤަވާއިދެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް، ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ދިމިކްރާތީ އުސޫލުތައް އެކުލެވޭނެ އަދި ޖަވާބުދާރީވާ ހާމަކަން ބޮޑު ގޮތަކަށް މަޖިލިސް ހިންގުމަށް ބޭނުންވާނެ ޤަވާއިދު ތަކާއި އުސޫލުތައް މަޖިލީހުން ހަދަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ކަމުން މަޖިލިސް ހިންގުމުގެ ޤަވައިދު ތަކާއި އުސޫލުތަކެއް ކަނޑަ އެޅަންދެން މަޖިލިސް ހުއްޓާލާފައި ނުބޭއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު ޤަވާއިދު އެކުލަވާލަންދެން، މެދު ކެނޑުމެއް ނެތި މަޖިލިސް ހިނގާނެ ގޮތަކަށް ހުށަހެޅުންތައް ހުށަހެޅުމަށް ބައިގަޑިއިރުގެ ފުރުސަތެއް ރިޔާސަތުން ހުޅުވައި ލެއްވިއެވެ.
އެ ފުރުސަތުގައި މަޖިލިސް ޖަލްސާތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުން 20 ވަނަ ރައްޔިުއންގެ މަޖިލީހުގެ ޤަވާއިދު އެކުލަވާލައި ފާސް ކުރަންދެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވިއެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޤަވާއިދުގެ މަސްއޫލިއްޔަތު މަޖިލީހުގެ އާއްމު ކޮމިޓީއާ ހަވާލުކޮށް 26 ޖޫން ވާ ބުދަ ދުވަހުގެ ނިޔަލަށް ޤަވާއިދު އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްވެސް ފަލާހު ހުށަހެޅުއްވިއެވެ. ފަލާހުގެ ހުށަހެޅުން ތަކަށް ތާއީދު ކުރެއްވީ މައްޗަންގޮޅީ އުުތުރު ދާއިރާގެ މެންބަރު އިބްރާހިިމް މުހައްމަދެވެ.
މި ހުށަހެޅުން މަޖިލީހުން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 91 މެންބަރުންގެ ތެރެއިން 90 މެންބަރުން ވޯޓު ދެއްވައިގެންނެވެ.