މިއަދު މަސައްކަތް ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިންތިޚާބު ކުރައްވައިފިއެވެ.
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ރިޔާސަތު ބެލެހެއްޓެވި މިއަދުގެ މަޖިލިސް ޖަލްސާގައި އަބްދުއްރަހީމް، މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 92 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ. އަބްދުއްރަހީމްއާ ވާދަކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ލިބުނީ 14 ވޯޓެވެ. ބާތިލް 7 ވޯޓު އޮތެވެ.
ނަތީޖާ އިއުލާން ކުރެއްވުމަށްފަހު އިންތިހާބު ކޮމިޓީގެ މެންބަރުންގެ ހާޒިރުގައި ވޯޓު ކަރުދާސްތައް ނައްތާލަން ރިޔާސަތުގައި އިންނެވި މެންބަރު ސިޔާމު މަޖިލީހުގެ އަމީން އާންމުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން، މަޖިލިސް ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ނަގާ ސިއްރު ވޯޓު ގުނުމަށް ފާސް ކުރަންޖެހޭ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީގައި ތިއްބަވާނެ މެންބަރުންގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ފަލާހުގެ ނަންތަކަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
ފަލާހު ހުށަހެޅުއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި މާމިނގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު، އެމްއެންޕީގެ ރައީސް އަހުމަދު ނާޒިމުގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.