މިރަށް އެނގޭތަ؟ މި ރަށުގައި މަރުވުން މަނާ، ގެއިން ބޭރަށް ދާއިރު އަތުގައި ބަޑިއެއް އޮންނަންޖެހޭ،!

މިރަށް އެނގޭތަ؟ މި ރަށުގައި މަރުވުން މަނާ، ގެއިން ބޭރަށް ދާއިރު އަތުގައި ބަޑިއެއް އޮންނަންޖެހޭ،!

ދުނިޔޭގެ އެކި ގައުމުތަކުގެ ރަށްރަށަށް ބަލާއިރު އަޖާއިބެއްފަދަ ކަންތައް ތަކެއް ފާހަގަވެއެވެ. އޭގެ ތެރެއިންވެސް ނޯވޭގެ ރަށެއް ކަމަށްވާ ލޯންގްޔެއަބިޔެންއަކީ އެކި ގޮތް ގޮތުން ފާހަގަ ކޮށްލެވޭ ރަށެކެވެ. އެންމެ ފަހުން ބޯ ހިމެނިއިރު އެރަށުގެ އާބާދީއަކީ 2368 މީހުންނެވެ. ބުނެވޭ ގޮތުގައި އެރަށުގައި މީހުން ވަޒަންވެރިވީ 1907 ވަނަ އަހަރުއެވެ.

އެއްވައްތަރުގެ، އެކި ކުލަކުލައިގެ ރީތި ގެތަކުން ޚާއްސަ ވެފައިވުމާއި، ރަށުގެ ފިނިކަމާއި، ރީތި ކަމަކީ އެރަށުގެ ރައްޔިތުން ފަޚުރުވެރިވާފަދަ ކަމެކެވެ. ނަމަވެސް މިރަށަކީ މީހުން ބުއްދި ގަބޫލު ނުކުރާ ފަދަ ޤާނޫނަކަށް އަމަލު ކުރަންޖެހޭ ރަށެކެވެ. އެ ރަށުގެ ޤާނޫނު ބުނާ ގޮތުން، އެރަށުގައި މަރުވުމަކީ ޤާނޫނީ ބޮޑު ކުށެކެވެ. މަރު ވުމަކީ ޤާނޫނީ ކުށެއްކަމަށް ބުނާތީ، އެއީ އަމިއްލައަށް މަރުވުން ކަމަށް ހީކުރެވިދާނެއެވެ. ނަމަވެސް އެއްވެސް ގޮތަކަށް އެ ރަށުގައި މަރުވުމަކީ ޤާނޫނީ ކުށެކެވެ. ބަލިވެގެން ގޮސްވެސް، ދިމާވާ އެކްސިޑެންޓުކުން ވިޔަސް، އެރަށުގައި މަރުވެގެން ނުވާނެއެވެ. އެރަށަށް އޮންނަ ޚާއްސަ ޤާނޫނަކުން އެއީ ބޮޑު ކުށެކެވެ. މަނާ ކަމެކެވެ. މީހަކު ހައިރާނެއް ނުވާނެ ހެއްޔެވެ.

ކޮންމެ މީހަކާވެސް މަރު ބައްދަލު ކުރާނެ ކަމީ ހަމަގައިމުވެސް ޤުދުރަތީ ޤާނޫނުގައި އޮތް ގޮތެވެ. މަރަކީ އޮތް އެއްޗެކެވެ. ހުއްޓުވޭނެ އެއްޗެއް ނޫނެވެ. އަދި އެމީހެއްގެ މަރު އެމީހަކާ ބައްދަލު ކުރަން އޮތް ތަނެއްގައި، ނުވަތަ ގައުމެއްގައި، ނުވަތަ ރަށެއްގައި އެމީހަކާ މަރު ބައްދަލު ކުރާނެއެވެ. އިންސާނުން ކިތަންމެ ވަރަކަށް އެ ރަށުގައި މީހުން މަރުވާން ބޭނުން ނުވިޔަސް، ޤުދުރަތުގައި ލިޔުއްވާފައި އޮތް ގޮތަކަށް އެމީހެއްގެ މަރުގެ ކަންތައް ނިމިދާނެއެވެ. އެކަމަކު ބަޔެއް ގައުމުތަކުގެ ބަޔެއް ރަށްރަށުގެ މީހުންގެ ބުއްދިއަކީ އާންމު އިންސާނުންނާ ފުށުއަރާ ބުއްދިވެރިކަމެކެވެ.

އެރަށުގައި މަރުވުން ޤާނޫނުން މަނާ ކޮށްފައި ވާތީ، އެ ރަށުގެ ގަބުރުސްތާނުވެސް އޮންނަނީ ބަންދު ކޮށްފައެވެ. އެންމެ ފަހުން އެރަށުގައި މީހަކު ވަޅުލިކަމަށް ވަނީ މީގެ 70 އަހަރަށްވުރެވެސް ކުރިންނެވެ. އޭގެފަހުން މީހަކު ވަޅުލައިފައެއްވެސް ނުވެއެވެ. އަދި އެހެން ބައެއް މީހުން ދެކެމުން އަންނަ ގޮތަށް މަރުވާ މީހަކު އެރަށުގައި އަންދާލާފައިވެސް ނުވެއެވެ. އެހެން ކަމުން އެރަށުގެ ގަބުރުސްތާނު ބަންދުކޮށްފައި ހުންނަތާ 70 އަހަރަށް ވުރެންވެސް ގިނަ ދުވަސް ވީއެވެ.

އެރަށުގައި މަރުވުން ޤާނޫނުން މަނާ ކުރީ 70 އަަހަރަށް ވުރެކުރިން ރަށުގައި ފެތުރުނު ބަލިމަޑު ކަމެއްގެ ސަބަބުން މަރުވި މީހުން އެރަށުގައި ވަޅުލުމުން ދިމާވި ކަމަކާ ގުޅިގެން ކުރި ދިރާސާއަށް ބަލައިފައެވެ.

އެއީ އެ ބަލިމަޑު ކަމުގައި މަރުވެގެން ވަޅުލި މީހުން ކުންޏެއްނުވެއެވެ. ހަލާކެއްވެސް ނުވެއެވެ. އެތައް ޒަމާނެއްވިޔަސް ހަށިގަނޑު އޮނަނީ އައިސްވެ ގަނޑުވެފައެވެ. އެއީ އެރަށަކީ ދުނިޔޭގެ އެންމެ އުތުރުގައި އޮންނަ ރަށް ކަމަށް  ވާތީ، ފިނިކަމުުގެ ސަބަބުން ސްނޯއިން އެރަށުގެ ބިންގަޑު ފިނިވެފައި އޮންނާތީއެވެ. އެކަމުގެ ސަބަބުން ހަށީގަނޑު ހަލާކެއް ނުވެއެވެ. ކުންޏެއްވެސް ނުވެއެވެ. ހަށީގަނޑުގައި ހުންނަ ބަލި ތަކުގެ ވައިރަސް ބޭރަށް ނިކުމެ، އިތުރަށް ބަލި ފެތުރޭން ދިމާވާ ކަމަށްވެސް އެ ދިރާސާއިން ދެއްކި ކަމަށްވެއެވެ.

އެކަމަށްޓަކައި އެރަށުގައި މަރުވުން ޤާނޫނަކުން މަނާކުރީއެވެ. އެހެން ކަމުން އެރަށުގެ ވަޒަންވެރިއެއް ވިޔަސް ބޭރުން އެރަށަށް އަރާ މީހަކު ނަމަވެސް އެ ރަށުގައި މަރުވެގެން ނުވާނެއެވެ.

ދެން ބަލަން ޖެހެނީ މީހުން މަރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅު ތަކެވެ. މަރުވުން މަނާ ކުރުމުގެ ޤާނޫނު ތަންފީޒު ކުރުމަށް އެ ރަށުގައި ވަނީ ފިޔަވަޅު ތަކެއް އަޅައިފައެވެ. އެ ފިޔަަވަޅު ތަކުގެ ދަށުން މީހަކު އުމުރުން ދުވަސްވެ ބަލިވުމުންނާއި، މީހަކު އަދި ކުޑަކުއްޖަކު ނަމަވެސް މާގިނަ ދުވަހުު ބޮޑު ބައްޔެއްގައި އުޅޭ ކަމަށް ފާހަގަ ވާނަމަ، ހެލިކޮޕްޓަރާއި އެެހެން ވަސީލަތްތައް ބޭނުން ކޮށްގެން އެމީހަކު އެރަށުން ނެރެ، ނޯވޭގެ ކޮންމެސް އެހެން ހިސާބަކަށް ގެންދެއެވެ.

އެއީ ދުނިޔޭގެ އެންމެ ފިނި ހިސާބާއި ކައިރި ރަށަކަށް ވާތީ، އެރަށަށް އިރު ފެންނަނީވެސް ޑިސެމްބަރުން ފެށިގެން ހަތަރު މަސް ދޫކޮށް، މާޗް މަހުގެ ތެރޭގައެވެ. އިރު ނުފެންނަ ހަތަރު މަސް އޮންނަނީ ރޭނގަޑުގެ ގޮތުގައެވެ.

މި ރަށަކީ ބުޅާ ގެންގުޅުންވެސް ޤާނޫނުން މަނާކޮށްފައިވާ ރަށެކެވެ. އެއީ އަސްދޫނި ވައްތަރަށް އެރަށުގައި އުޅޭ ދޫނި ތަކަކަށް ހިމާޔަތް ދިނުމަށެވެ. މިރަށުގެ އަނެއް ޚާއްސަ ކަމަކީ ބޭރުންދާ ބަޔަކަށް ނަމަވެސް ޔުނީވާރސިޓީގެ ކިޔެވުމާއި ހަމައަށް ޓިއުޝަން ނަގައިދިނުން ހިމަނައިގެން، ތައުލީން ހާސިލް ކުރުން އޮންނަނީ ހިލޭއެވެ. އޭގެން އެއްވެސް ކަމަކަށް ފައިސާއެއް ދައްކާކަށް ނުޖެހެއެވެ.

ނަމުގެ ބަދަލުގައި މިރަށުގެ މަގު ތަކަށް ނަންބަރު ތަކެއް ދީފައިވާއިރު، ގެއިން ބޭރަށް ނިކުމެ ދުރަށް ހިނގާނަމަ، ބަޑިއެއް ގެންދިއުމަށް ޤާނޫނުން ލާޒިމް ކޮށްފައި ވުމަކީވެސް މި ރަށުގައި ފާހަގަ ކުރެވޭ ޚާއްސަ ކަމެކެވެ. ދުރަށް ހިނގާ މީހުން ބަޑި ގެންގުޅެން ޖެހޭނެ ކަމަށް ޤާނޫނުން ލާޒިމް ކޮށްފައި ވަނީ އެ ރަށް އޮންނަ ހިސާބަކީ އާއްމުކޮށް ޕޯލާބެއާ އުޅޭ ހިސާބަކަށް ވާތީ އެކަމުން ސަލާމަތް ވުމަށެވެ.

ޓޫރިސްޓުންގެ މެދުގައިވެސް ރީތި ކަމަށް މަޝްހޫރު މި ރަށަކީ ދިރިއުޅެން ފަސޭހަ، އަދި ފަސޭހައިން ވަޒީފާ ލިބޭ ރަށެއްގެ ގޮތުގައި ވަނީ ފާހަގަ ވެފައެވެ. އެއަށްވުރެންވެސް އެތަނުގައި ހަދާފައިވާ ޤާނޫނު ތަކާއި ޤަވާއިދު ތަކަކީވެސް އެރަށްލިބިގެންވާ ޚާއްސަ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ބޯ ހަމަނުޖެހޭ މީހުން އުޅޭ ރަށެއް. ހީވަނީ ފިނިކަމުން ގޮސް ސިކުނޑިވެސް ގަނޑުވެފަ ތިބި ބަޔެއް ހެން. އެހެންވެ ސިކުނޑި ނޭބުރެނީ

  2. ތިޔަ ރަށުގައި އެބައޮތް ރާއްޖޭގައިވެސް ކުރަން ރަނގަޅު އެއްކަމެއްް އެއީ ބަޑި ހިފައިގެން ނޫނީ ބޭރަށް ނުދިއުން

Leave a Reply

Your email address will not be published. Required fields are marked *