34 މިސްކިތެއް ފޮޅާ ސާފު ކުރަން ދިވެހިންނާ ހަވާލު ކޮށްފި

34 މިސްކިތެއް ފޮޅާ ސާފު ކުރަން ދިވެހިންނާ ހަވާލު ކޮށްފި

މާލެ ސިޓީ ކައުންސިލް ބެލުމުގެ ދަށުގައި ހުރި 34 މިސްކިތްތެއްގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލުކޮށްފިއެވެ.

ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މާލޭގެ 22 މިސްކިތެއް، ހުޅުމާލޭގެ 10 މިސްކިތެއް އަދި ވިލިމާލޭގެ ދެ މިސްކިތެއްގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް  އިއްޔެ އިން ފެށިގެން ދިވެހިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިސްކިތް ފޮޅާ ސާފުކުރާ ދިވެހިންނަށް މުސާރައިގެ ގޮތުގައި 12،000 ރުފިޔާ ސިޓީ ކައުންސިލުން ދެއެވެ. މީގެކުރިން މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރަނީ ބިދޭސީންނެވެ.

އެހެންވެ އެ މަސައްކަތައް ދިވެހިން ހޯދުމުގެ ބޭނުމުގައި ކައުންސިލުން ވަނީ މިސްކިތް ފޮޅާ ސާފުކުރުމުގެ ވަޒީފާއަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލައިފައެވެ. އެ ފަހަރު އެ ވަޒީފާ ހުޅުވީ 114 މީހުން ހޯދަން ކަމަށްވިޔަސް ވަޒީފާއަށް ކުރިމަތިލީ އެންމެ 14 މީހުންނެވެ.

ތަރުހީބު ކުޑަވުމުގެ ސަބަބުން ސިޓީ ކައުންސިލުން ވަނީ އަލުން އެ ވަޒީފާއަށް މާޗު މަހު ހުޅުވާލައިފައެވެ. އެއީ 110 މީހުން ހޯދުމަށެވެ. މާޗު މަހު ކުރި އިއުލާނާ ގުޅިގެން 230 އަށްވުރެ ގިނަ މީހުން ވަނީ ފޮޅާ ސާފުކުރުމުގެ ވަޒީފާއަށް ކުރިމަތިލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *