އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއި ކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން ވެސް އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާ ކޮށްނުދީ ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯއްދަވަން ބީއެމްއެލްއާއި ދެކޮޅަށް ޔާމީން ހުށަހެޅުއްވި މައްސަލަ މަޑުޖައްސާލަން ހައިކޯޓުން އަމުރު ކޮށްފިއެވެ.
އެ އެއްބަސްވުމުގެ ދަށުން ބީއެމްއެލްގައި ހުޅުވާފައިވާ އެސްކުރޯ އެކައުންޓަށް ޔާމީން އެއް މިލިއަން ޑޮލަރު ޖަމާކުރެއްވީ 2018 ޖޫން 10 ގައެވެ.
ޔާމީން، ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އެއްބަސްވުމުގަ ބަޔާން ކޮށްފައިވާ 12 މަސް ދުވަހުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުމުގެ ޝަރުތުތަކާއި އެއްގޮތަށް ޖަމާކޮށްފައިވާ ފައިސާ އަނބުރާ ބީއެމްއެލުން ދީފައިނުވާ ކަމަށެވެ. ބީއެމްއެލުން އެ އެއް މިލިއަން ޑޮލަރު ހިފަހައްޓައިފައި ވަނީ އެސްކުރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިިދިނުމަށް ޔާމީންގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.
އެ ދައުވާގެ ދިފާއުގައި ބީއެމްއެލްގެ ފަރާތުން ބުނެފައިވަނީ ބީއެމްއެލްއަކީ މައްސަލައިގެ ބައިވެރިޔެއް ނޫން ކަމަށާއި ތަހުގީގުގެ ބޭނުމަށް އޭސީސީން އެދިގެން އެ ފައިސާ ޖަމާކޮށްފައިވަނީ އެ ކޮމިޝަނުގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލް ކަރަންޓު އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށާއި އެ މައްސަލައިގެ ދައުވާ ކުރަން ޖެހޭނީ އޭސީސީގެ މައްޗަށް ކަމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ ދައުވާ ބީއެމްއެލްގެ މައްޗަށް ކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ބީއެމްއެލްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ބީއެމްއެލްގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައިވާ އެ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ.
އެކަމާ ގުޅިގެން ހައި ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ހައި ކޯޓުން ނިމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ނިމިއްޖެނަމަ ހައި ކޯޓުން ކުރާ ހުކުމުގެ ބޭނުން ކެނޑިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދި އަމުރު ނެރެނުދީފިނަމަ ބޭންކަށް ލިބޭ ގެއްލުން ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އެހެންވެ، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އަމުރުކުރީ ކަމަށް އެ އަމުރުގައިވެއެވެ.