ގަދަފަދަ ސިޓީ ހަމަ ބިމަށް ތިރިކޮށް ޔުނައިޓެޑުން އެފްއޭކަޕް ކާމިޔާބު ކޮށްފި

ގަދަފަދަ ސިޓީ ހަމަ ބިމަށް ތިރިކޮށް ޔުނައިޓެޑުން އެފްއޭކަޕް ކާމިޔާބު ކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ 1-2 އިން ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލުގައި ޔުނައިޓެޑް ވަނީ ސިޓީއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފައެވެ.

ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖެހީ އަލެހަންދްރޯ ގާނާޗޯ އެވެ. އެ ގޯލު ގާނާޗޯ ޖެހީ ސިޓީގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލް އެޓީމުގެ ގޯލްކީޕަރު ސްޓެފަން އޯޓޭގާ އަށް ޖައްސާލި ބޯޅައެއް ހޯދުމަށް ފަހު ހުސް ގޯލަކަށް ފޮނުވާލައިގެންނެވެ. ޔުނައިޓެޑްގެ ދެ ވަނަ ގޯލު އޭގެ އިރުކޮޅެއް ފަހުން ޖެހީ ކޮބީ މެއިނޫ އެވެ. ބްރޫނޯ ފެނާންޑޭސް ދިން ބޯޅަ މެއިނޫ ގޯލަށް ވައްދާލީ އެއްފަހަރުން ޖަހައެވެ.

މެޗުގެ ދެ ވަނަ ހާފުގައި ސިޓީގެ ކައިލް ވޯކާ ފޮނުވާލި ދެ ހަމަލާއެއް ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ސިޓީގެ ހަމައެކަނި ގޯލު މެޗުގެ ފަހުކޮޅު ޖެހީ ބަދަލު ކުޅުންތެރިޔާ ޖެރިމީ ޑޮކޫ އެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަންކަމާ އެކު ޔުނައިޓެޑަށް މިހާރު އެ މުބާރާތުގެ 13 ތަށި ލިބުނީ އެވެ. އެފްއޭ ކަޕްގައި އެންމެ ކާމިޔާބީ 14 ފަހަރު ތަށި ހޯދާފައިވާ އާސެނަލް އެވެ.

ޗެމްޕިއަންކަމާ އެކު ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ހޯދާފަ އެވެ. ކުރިން ހަ ވަނައިގައި އޮތް ޗެލްސީ އަންނަ ސީޒަނުގައި ކުޅޭނީ ކޮންފަރެންސް ލީގުގަ އެވެ. އަދި ހަތް ވަނައިގައި އޮތް ނިއުކާސަލް އަށް ކުރިން ލިބުނު ކޮންފަރެންސް ލީގުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ލީގު އަށް ވަނައިގައި ނިންމާލުމުން ޔުނައިޓެޑަށް ކުރިން އޮތީ ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ނުލިބޭ ގޮތަށެވެ.

މެޗުގެ ކުރިން މީޑިއާގައި ދައުރުވީ އެފްއޭ ކަޕްގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކުރާނެ ކަމަށެވެ. މެޗަށް ފަހު ޓެން ހާގް ބުނީ އޭނާގެ ކޯޗުކަމުގައި ކުޅުނު ދެ ސީޒަނުގައި ތިން ކަޕް ފައިނަލް ކުޅެ ދެ ތަށި ހޯދި ކަމަށެވެ. ޔުނައިޓެޑުން އޭނާ ވަކިކޮށްފި ނަމަ އެހެން ޓީމަކަށް ބަދަލުވެ ތަށި ހޯދާނެ ކަމަށް ޓެން ހާގް ބުންޏެވެ.

އެފްއޭ ކަޕާ އިނގިރޭސި ފުޓްބޯޅަ ސީޒަން ވަނީ ނިމިފަ އެވެ. ސިޓީ އިން ލީގު ޗެމްޕިއަންކަން ހޯދިއިރު އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދީ ލިވަޕޫލް އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *