96 ހާސް ދަރިވަރުންނާއެކު ދިރާސީ އަހަރު މާދަމާ ފަށަނީ

96 ހާސް ދަރިވަރުންނާއެކު ދިރާސީ އަހަރު މާދަމާ ފަށަނީ

ދިރާސީ އަހަރުގެ ކިޔެވުން މާދަމާ ފެށިގެން ދާނީ 96،000 ދަރިވަރުންނާއެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އޭގެތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާ 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނޭ ކަމަށެވެ. އަދި ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލު ކުރަމުން ގެންދާނެ ކަމަށާއި، އޭގެތެރެއިން 17,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންން ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕްރައިވެޓް ސްކޫލު ތަކުގައި ގްރޭޑް 12 އާއި ހަމައަށް 13,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެތެރެއިން 9,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަނީ މާލޭ ސަރަހައްދުގައި ކަމަށެވެ.

މި އަހަރު މާލޭ ސަރަހައްދުގެ ސްކޫލް ތަކަށް ގްރޭޑް 1 އަށް 2,250 ދަރިވަރުން އަލަށް ވައްދާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މާލޭ ސަރަހައްދުގެ ގްރޭޑް 1 ފިޔަވާ އެހެން ގްރޭޑް ތަކަށް 2,081 ދަރިވަރުން ވެއްދުމަށް ހުށައަޅާފައިވާ ކަމަށެވެ.

ދިރާސީ އަހަރު އަތޮޅު ތެރޭގެ ސްކޫލު ތަކުން މާލޭ ސަރަހައްދުގެ ސްކޫލު ތަކަށް 1,126 ދަރިވަރުން ބަދަލު ވެފައިވާ ކަމަށާއި، އަދި  މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1,000 އެއްހާ ދަރިވަރުން ބަދަލު ވެފައިވާ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު ސަރުކާރު ސްކޫލު ތަކުގައި 12,662 މުދައްރިސުން މަސައްކަތް ކުރާނެއެވެ. އެއީ 10,729 ދިވެހި މުދައްރިސުންނާއި 1,933 ބިދޭސީ މުދައްރިސުންނެވެ. ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މި އަހަރުވެސް ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *