އުރީދޫ ފަން ރަން މިފަހަރު ލާމުގައި، ރެޖިސްޓްރީ ކުރަން ހުޅުވާލައިފި

އުރީދޫ ފަން ރަން މިފަހަރު ލާމުގައި، ރެޖިސްޓްރީ ކުރަން ހުޅުވާލައިފި

"އުރީދޫ މޯލްޑިވްސްއިން ފަން ރަން – އެންމެ އުފާވެރި ދުވުން" އަންނަ ޖުލައި މަހު ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށް ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

އުރީދޫ ފަން ރަން ލާމު އެޑިޝަންގައި ބައިވެރިވުމަށް http://ore.do/funrun2024 މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫން މިހާރު ވަނީ ހުޅުވާލާފައެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫ އިން ބާއްވަމުންދާ ހަރަކާތް ތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ ހަރަކާތް ތަކުގައި 5،000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައި ކަމަށް އުރީދޫން ބުނެ އެވެ.

ފަން ރަން، މިފަހަރު ލ. އަތޮޅު ގަމުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. އުރީދޫ އިން ބުނީ މި ހަރަކާތް ވާނީ މި އަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ކަމަށެވެ.

އުރީދޫ އިން ބުނެފައި ވަނީ ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ތަފާތު ހަރަކާތް ތަކެއް ހިމެނޭ 5 ކިލޯ މީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަން ތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތް ތަކެއް ކުރިއަށް ދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގް ކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމި ދާނެއެވެ.

އުރީދޫ ފަން ރަން – ލާމު ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީއަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު އަގަކީ 100 ރުފިޔާ އެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

"ލާމު އަތޮޅަށް ފަން ރަން ގެންދިއުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ހުރިހާ އުމުރުފުރައެއްގެ މީހުނަށް މަޖާ އަދި ގުޅުން ބަދަހި ކުރެވޭފަދަ ހަރަކާތެއް ބޭއްވުން. މިއީ ހަމައެކަނި ދުޅަހެޔޮ ސިއްހަތަށް ކުރާ ކަމެއް ނޫން. ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެނަށް ބައިވެރިވެވޭ ކަހަލަ ހަރަކާތްތައް ބޭއްވުމަކީ އުރީދޫން އަބަދުވެސް މަސައްކަތްކުރާ ކަމެއް. މި އުފާވެރި ހަރަކާތުގައި ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އުންމީދުކުރަން،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫ ފަން ރަންގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އުރީދޫ އިން ވަނީ މި މަޖާ ހަރަކާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތް ތަކަށް ދައުވަތު ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *