ތިމަރަފުށީ މުސްތަފާއަށް 1.8 މިލިއަން ރުފިޔާ ދައްކަން އަކްރަމްގެ މައްޗަށް ހުކުމް ކޮށްފި

ތިމަރަފުށީ މުސްތަފާއަށް 1.8 މިލިއަން ރުފިޔާ ދައްކަން އަކްރަމްގެ މައްޗަށް ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާއަށް 1.8 މިލިއަން ރުފިޔާ ދެއްކުމަށް، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އަކްރަމާ ދެކޮޅަށް މުސްތަފާ ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ވިދާޅުވެފައި ވަނީ ފަހުން ފައިސާ ދައްކާ ގޮތަށް، އަކުރަމް ކަމާލުއްދީންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ޗެކުގެ ގޮތުގައި ހަތަރު ފަހަރު މަތިން ފައިސާ ޖަމާ ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ޗެކުގައި ޖަމާ ކޮށްދީފައި ވަނީ 1.15 މިލިއަން ރުފިޔާ ކަމަށާއި، ދެވަނަ ޗެކުން ޖަމާކޮށް  ދިނީ ތިން ލައްކަ ރުފިޔާ ކަމަށް މުސްތަފާ  ވިދާޅުވެފައިވެއެވެ. އަދި ތިންވަނަ ޗެކުގައި ވަނީ ދެ ލައްކަ ރުފިޔާ، ހަތަރު ވަނަ ޗެކުން ޖަމާކުރީ 60،000ރ. އެވެ. ހަތަރު ޗެކުގެ އަދަދު ޖުމުލަ 1.7 މިލިއަން ރުފިޔާ ކަމަށް މުސްތަފާ ވިދާޅުވެފައިވެއެވެ. މުސްތަފާ ވަނީ އެ މައްސަލަގައި ޗެކުން ޖަމާކުރި ފައިސާ އަނބުރާ ހޯދުމުގެ އިތުރުން ވަކީލު ފީ ވެސް އަކްރަމް ކަމާލުއްދީންގެ އަތުން ނަގައިދިނުމަށް އެދިފައެވެ.

ދައުވާއާ ގުޅިގެން އަކްރަމް ވިދާޅުވެފައި ވަނީ މުސްތަފާއަށް ދައްކަން ޖެހެނީ 400،000 ރުފިޔާ ކަމަށާއި ދެން ހުރި ފައިސާ އޭނާ ދައްކާފައިވާ ކަމަށެވެ.  ނަމަވެސް ސިވިލް ކޯޓުގައި މައްސަލަ ބެލި ގާޒީގެ ރައުޔުގައި ވިދާޅުވީ އަކްރަމް ކަމާލުއްދީން އޭނާގެ ވާހަކަތައް ސާބިތުކޮށް ދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އެހެންވެ ސިވިލް ކޯޓުން އެ މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ބުނީ ވަކީލުގެ ފީއަށް ދިޔަ ޚަރަދާއި ދަރަނީގެ ޖުމުލަ އަދަދު ހިމެނޭ ގޮތަށް 1.8 މިލިއަން ރުފިޔާ، 1 މަސް ދުވަހުގެ ތެރޭގައި  މުސްތަފާއަށް ދެއްކުމަށް އަކްރަމް ކަމާލުއްދީންގެ މައްޗަށް ހުކުމްކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *