އިރާންގެ ނައިބު ރައީސް ވެރިކަމުގެ ހުވާ ކުރަން ތައްޔާރު ވަނީ

އިރާންގެ ނައިބު ރައީސް ވެރިކަމުގެ ހުވާ ކުރަން ތައްޔާރު ވަނީ

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެފައިވާތީ، ނައިބު ރައީސް މުހައްމަދު މޮހޮބާ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ތައްޔާރީތައް ފަށައިފިއެވެ.

އިރާންގެ ގާޑިއަން ކައުންސިލްގެ ސްޕޯކްސްމަން ތަހަން ނަޒީފު މިއަދު ވިދާޅުވީ އިރާނުގެ ސުޕްރީމް ލީޑަރު، އިރާންގެ ޖުޑިޝަރީ ޗީފު، އަދި މަޖިލީހުގެ ރައީސްގެ  ހުއްދައާއެކު 50 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ ކަންކަން ނައިބު ރައީސް ކުރައްވާނެ ކަމަށެވެ.

އެ މުއަދަތުގައި ނައިބު ރައީސް ވެރިކަމުގެ ހުވާ ކުރައްވާނީ ވަގުތީ ރައީސެއްގެ ގޮތުގައި ކަމަށް ތަހަން ނަޒީފު ވިދާޅުވިއެވެ.

އިރާންގެ ޤާނޫނުގައިވާ ގޮތުން އެ ގައުމުގެ ރައީސް އަވަހާރަ ވެއްޖެ ހާލަތެއްގައި ގައުމުގެ ކަންކަން ބެލެހެއްޓުމަށް ޕާލަމެންޓުން ވަގުތީ ކައުންސިލެއް އެކުލަވާލަން ޖެހެެއެވެ. އަދި  އެ ކައުންސިލްގެ ވެރިއަކަށް ހުންނަވަނީ ނައިބު ރައީސެވެ. ދެ ނައިބު ރައީސުން ތިއްބަވާނަމަ، އެއްވަނަ ނައިބު ރައީސެވެ. އެއަށްފަހު އަލުން ރައީސަކު ހޮވުމަށްޓަކައި އިންތިހާބެއް ބާއްވަން ޖެހެއެވެ. ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެން ރައީސްގެ މަގާމު އަދާކުރައްވާނީ ނައިބު ރައީސެވެ.

އިރާންގެ ގައުމީ މީޑިޔާ އައިއާރްއެންއޭ ނޫހުން މިއަދު ރިޕޯޓް ކޮށްފައި ވަނީ  ރައީސީ އަވަހާރަވެފައި ވާތީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. ރައިސީއާއެކު ހަމަ އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅަކު ތިއްބެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *