މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް އިތުރު ވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ "ކުއާޓާލީ ބުލެޓިން"ގައި ހާމަކުރި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ފުރަތަމަ ތިން މަހު ދައުލަތުގެ ދަރަންޏަށް ވަނީ 1.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. އެހެން ކަމުން މިދިޔަ އަހަރު ނިމުނު 124.8 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ދަރަނި ވަނީ 126 ބިލިޔަނަށް އިތުރު ވެފައެވެ.
ހިސާބު ތަކުން ދައްކާ ގޮތުގައި ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނިންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް އަރާފައެވެ. އެ އަދަދު މިދިޔަ އަހަރު ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގައެވެ. އެތެރޭގެ ދަރަނި އިތުރުވި ނަމަވެސް، ޖުމްލަ ބޭރުގެ ދަރަނި ހުރީ 38 ބިލިއަން ރުފިޔާގައެވެ.
ދަރަނީގެ ތެރެއިން ދައުލަތުން ސީދާ ނެގި ލޯނުގެ އަދަދު 112 ބިލިއަން ރުފިޔާގައި ހުރިއިރު، ދައުލަތުން ގެރެންޓީ ދިން ލޯނުގެ އަދަދު ހުރީ 14 ބިލިއަން ރުފިޔާގައެވެ. އެ މުއްދަތުގައި ދައުލަތުން ގެރެންޓީ ދިން އަދަދު ވަނީ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދަށްވެފައެވެ. ނަމަވެސް ޑޮމެސްޓިކް މާކެޓުން ނެގި ލޯނު ތަކުގެ ސަބަބުން ދައުލަތުން ސީދާ ނެގި ލޯނާއި ބޮންޑުގެ އަދަދު އިތުރު ވެފައިވެއެވެ.
ދައުލަތުގެ ދަރަނި އިތުރުވި އިރު، ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު ވަނީ މި އަހަރު ފެށުނު އިރު ހުރި އަދަދަށް ވުރެ 6.4 ޕަސެންޓު ދަށްވެފައެވެ. ދައުލަތުގެ ދަރަނި މިވަގުތު ހުރީ 110 ޕަސެންޓުގައެވެ. މިދިޔަ އަހަރު ނިމުނު ިރު އެ އަދަދު ހުރީ 116 ޕަސެންޓުގައެވެ.
މިއަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 131 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތުން 114 ޕަސެންޓެވެ.